އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާއި ވެސްޓް ބްރޮމް ބައްދަލު ކުރި މެޗަށް ފަހު އާސެން ވެންގާ މެޗު އޮފިޝިއޭޓް ކުރަން ހުރި ރެފްރީއާ ދިމާލަށް ބަދު ބަސް ބުނުމުން އެފްއޭއިން ވެންގާ ތިން މެޗަށް ސަސްޕެންޑްކޮށްފި އެވެ.
ވެންގާ ވަނީ މެޗަށް ފަހު ދިން ޕްރެސް ކޮންފަރެންސްގައި ރެފްރީންގެ ނިންމުންތަކަށް ފާޑު ކިޔައި ފައެވެ.
އަދި އޭގެ ފަހުން ރެފްރީންގެ ޗޭންޖިން ރޫމްގައި ވެންގާގެ އަމަލުތައް ހުރި ގޮތާއި ބޭނުން ކުރި ބަސްމަގަކީ ނަހަމަ އަދި އަދަބާ ޚިލާފު ބަސްމަގެއް ކަމަށް ބުނެ 40،000 ޕައުންޑުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
މީގެ އިތުރުން ޕްރިމިއާ ލީގްގައި ޖެހިގެން އައި މެޗުން އާސެނަލް ޗެލްސީއާ ކުޅެ 2-2 އިން އެއްވަރުވުމަށް ފަހުގައި ވެސް ވެންގާ ފާޅު ކުރި ޚިޔާލުތަކަށް ޖަވާބުދާރީ ވުމަށް އެފްއޭ އިން ވަނީ އަންގައިފަ އެވެ.
ތިން މެޗްގެ ސަސްޕެންޝަނާ އެކު ވެންގާ އަށް އާސެނަލް އެފްއޭ ކަޕްގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗުގައި ބެންޗުން ފުރުސަތު ގެއްލޭނެ އެވެ.
އެއަށް ފަހު އިނގިރޭސި ފުޓްބޯޅަ ލީގް ކަޕްގައި ޗެލްސީއާ ދެކޮޅަށް އާސެނަލް ކުޅޭ މެޗާއި ލީގްގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ބެންޗުން ކުޅުންތެރިންނަށް އިރުޝާދު ދިނުމުގެ ފުރުސަތެއް ވެންގާ އަށް ގެއްލޭނެ އެވެ.