Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

"ހުރަސްތަކާ އެކުވެސް ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީ ކުރަން ތައްޔާރު"

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިންޑިއާގެ މަޝްހޫރު "ނިމްސް" އަށް ދިވެހި ހިއްސާދާރުގެ ފަރާތުން މިހާރު ކުރިމަތިވެފައިވާ ބައެއް ހުރަސްތަކާއެކުވެސް ކުރިއަށްދާން ތައްޔާރަށް އޮތްކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ނޫރުލްއިސްލާމް އިންޓަނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރ ފައިޒަލް ހާން ސޮއިކޮށް އާންމުކޮށްފައިވާ ނޫސްބަޔާނުގައި ބުނެފައިވާގޮތުން , ކުންފުނީގައި ހިމެނޭ ދިވެހި ހިއްސާދާރާ ނިމްސްއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

އަދި ހޮސްޕިޓަލް ތަރައްޤީކުރުމަށް ހަދާފައިވާ ކުންފުނީގެ ދިވެހި ހިއްސާދާރާ ގުޅުން ގޯސްވުމުގެ ސަބަބުން މިހާތަނަށް ދިމާވި ދަތިތައް ފާހަގަކޮށް، އެ ހޮސްޕިޓަލަށް ގެނައި ސީޓީ ސްކޭން މެޝިނާއި އެކޯ ސައުންޑް މެޝިން ފަދަ މެޝިނަރީސް ރާއްޖެގެނެސް ކްލިއާރނުވެ ކަސްޓަމްސްގައި އަދިވެސް ހުރިކަން އެކުންފުނިން ވަނީ ފާހަނގަކޮށްފައެވެ.

މީގެއިތުރުން ހޮސްޕިޓަލަށް ގެނައުމަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުނަށް ވިސާ ހޯދުމުގައިވެސް ދިވެހި ހިއްސާދާރާ އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެފައިވާކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް ކުންފުނީގެ އޮޕަރޭޝަނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ހައްލުކޮށް، އެގްރީމެންޓާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މީގެއިތުރުން ދިވެހިސަރުކާރާއި ދިވެހިރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމަށް ޝުކުރުއަދާކޮށް، އެ ކުންފުންޏާއި ދިވެހި ސަރުކާރު ބަދުނާމުވާގޮތަށް ހަޤީޤަތާ ހިލާފަށް ބައެއް ފަރާތްތަކުން ފަތުރާފައިވާ ވަހަކަތައް ނޫސްބަޔާނުގައި ކުށްވެރިކޮށްފައިވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާ ކުންފުނީގައި ހިމެނޭ ދިވެހި ހިއްސާދާރު މީގެކުރިން ބައެއް މީޑިއާތަކުގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތުގައި އިންޑިއާގެ ނިމްސްގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށް ބުނެ ވަރަށްބޮޑަށް ފާޑުކިޔާފައިވެއެވެ.

ނަމަވެސް ނިމްސްގެ ފަރާތުން މިހާތަނަށް މީޑިއާގައި އެއްޗެއް ބުނެފައިނުވެއެވެ.

2017 ވަނަ އަހަރުގެ ރިޔާސީ ބަޔާންގައި ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުށީ ހޮސްޕިޓަލް 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބޭރުގެ ބަޔަކާ ހަވާލުކުރާނެކަމަށް ވިދާޅުވެ، އިންޑިއާގެ މަޝްހޫރު ނިމްސް ހިމެނޭގޮތަށް އެހޮސްޕިޓަލް ތަރައްޤީކުރުމަށް ހަވާލުކުރީ 19 ޖޫން 2017 ގައެވެ. ދިވެހިންގެ ތެރޭގައިވެސް މަޝްހޫރު އިންޑިއާގެ ނިމްސް އިން އެ ހޮސްޕިޓަލާ ހަވާލުވުމަށްފަހު ހޮސްޕިޓަލް ހިންގުމަށް ހަވާލުކޮށްފައިވާ ކުންފުނީގެ ދިވެހި ހިއްސާދާރު އަލީ އުސެއިދު އާ މައްސަލަޖެހި ބައެއް ހުރަސްތައް ނިމްސްއަށް ކުރިމަތިވެފައިވެއެވެ.

ނޫރުލް އިސްލާމްގެ ފަރާތުން ނޫސްބަޔާނެއް މިއަދު އާންމުކޮށްފައިވާއިރު އެކުންފުންޏަށް ދިވެހި ހިއްސާދާރުގެ ފަރާތުން ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅިގެން އެކަން ބަޔާންކޮށް މީގެކުރިން ރައީސް ޔާމީނަށް ވަނީ 14 ސޮފުހާގެ ސިޓީ އެއް ފޮނުވާފައެވެ. އެސިޓީގައި ދިވެހި ހިއްސާދާރުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް ރައީސްގެ ކިބައިން ފިޔަވަޅު އަޅައިދިނުމަށްވެސް އެދިފައިވެއެވެ.