Last Updated: June 15, 17:29
Monday, June 15, 2026
ޚަބަރު

ގާސިމްގެ ކުންފުންޏަކާ ދެކޮޅަށް ދައުވާކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން އަނެއްކާވެސް ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ކުންފުންޏަކާ ދެކޮޅަށް ދައުވާ ކޮށްފިއެވެ.

މިފަހަރުވެސް ދައުވާ ކޮށްފައިވަނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން، އެފައިސާ ހޯދުމަށެވެ. މީރާއިން މިފަހަރު ދައުވާ ކޮށްފައިވަނީ ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން ގެ ކުންފުންޏަކާ ދެކޮޅަށެވެ.

ތިން ދައުވާއެއް މީރާއިން ވިލާ ޝިޕިންއާ ދެކޮޅަށް ކޮށްފައިވާއިރު ޖުމުލަ 75 މިލިއަން ރުފިޔާ ހޯދުމަށް މީރާއިން ވަނީ ކޯޓަށް މައްސަލަ ހުށައަޅާފައެވެ. އޭގެ ތެރޭގައި ފުރަތަމައަށް ހިމެނެނީ ޖީއެސްޓީގެ ގޮތުގައި ނުދައްކާ ފައިސާއާއި ކަނޑައެޅިފައި އޮންނަ ތާރީޚަށް ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދެއްކުމުންނާއި ޖީއެސްޓީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 7.4 މިލިއަން ރުފިޔާ ހޯދުމަށް ކުރާ ދައުވާއެކެވެ.

ދެވަނަ ދައުވާއަކީ ޓީޖީއެސްޓީގެ ގޮތުގައި ނުދައްކާ ފައިސާއާއި ކަނޑައެޅިފައިވާ ތާރީޚަށް ޓީޖީއެސްޓީ ނުދެއްކުމާއި ޓީޖީއެސްޓީ ބަޔާން ހުށައަޅާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި 49 މިލިއަން ރުފިޔާ ހޯދުމަށް ކުރާ ދައުވާއެވެ.

ތިންވަނަ ދައުވާއަކީ ޖީއާރްޓީ ގޮތުގައި ނުދައްކާ ފައިސާއާއި ކަނޑައެޅިފައިވާ ތާރީޚަށް ޖީއާރްޓީ ނުދެއްކުމުން އަދި ޖީއާރްޓީ ބަޔާން ހުށަނޭޅުމުން ދައްކަން ޖެހޭ 18.5 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ހޯދުމަށް ކުރާ ދައުވާއެކެވެ.

މީގެ ކުރިންވެސް މީރާއިން ގާސިމްގެ ކުންފުނިތަކާއި ދެކޮޅަށް ދައުވާ ކޮށްފައިވާއިރު އެމައްސަލަތައް އަދި ނިމިފައެއް ނުވެއެވެ. މީރާއިން ގާސިމްގެ ފަސް ކުންފުންޏަކާ ދެކޮޅަށް މީގެ ކުރިން ހުށައެޅި މައްސަލަ ތަކުގައި ޖުމުލަ 2.5 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ދައުވާކޮށްފައެވެ.

ވިލާގެ އިސް އޮފިޝަލުން މީގެ ކުރީގެ ދައުވާތަކާ ގުޅިގެން ބުނެފައިވަނީ މިއީ ސިޔާސީ ގޮތުން ގާސިމް އިބްރާހިމަށް ދެރައެއް ދިނުމަށް ކުރާ ކަމެއް ކަމަށެވެ. ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ނޯންނާނެ ކަމަށް ވިލާ ކުންފުނީގެ އޮފިޝަލުން ވަނީ އެކި ފަހަރު މަތިން ހާމަކޮށްފައެވެ.