ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު އާސިމް އިންޑިޔާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ޑރ. އާސިމް އިންޑިޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދާދި ފަހުން ދިވެހި ރާއްޖެއިން ޗައިނާއާއެކު ސޮއިކުރި އެއްބަސްވުންތަކާ ގުޅިގެން އިންޑިޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.
މިމަހުގެ 11 ވަނަ ދުވަހު ޑރ. އާސިމް އިންޑިޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން އެނގިފައިވާއިރު އަދި ފޮރިން މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މިދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީގެ އިތުރުން އިންޑިޔާގެ ފޮރިން މިނިސްޓަރު ސުޝްމާ ސަވްރާޖުއާ ވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދާދި ފަހުން އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ޗައިނާއިން އިންޑިޔާ ކަނޑުގައި "އަތްގަދަ" ކުރުމަށް މަސައްކަތް ކުރާތީ އެކަމާ ގުޅޭގޮތުން ޚާރިޖީ ވަޒީރާއި ކަމާ ބެހޭ އިދާރާތަކުގެ ވެރިން ހާޒިރުކުރުމަށްފަހު ސުވާލުކޮށްފައެވެ.
ރާއްޖެއާ ޗައިނާއާ ދެމެދު ގާއިމު ކުރެވުނު ފްރީ ޓްރޭޑު އެގްރީމެންޓާ ގުޅިގެން އިންޑިޔާއިން ކަންބޮޑުވުން ފާޅުކުރުމާއެކު ސަރުކާރުން ވަނީ އިންޑިޔާއާ އެކުވެސް އެފަދަ އެއްބަސްވުމެއް ގާއިމުކުރާނެ ކަމަށް ބުނެފައެވެ. އަދި އިންޑިޔާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަކަށް އެއްވެސް ކަހަލަ ބުރުލެއް ނާރާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.