އިނގިރޭސި އެފްއޭ ކަޕުގައި ރޭ ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗުގައި އެވަޓަންގެ ހޮލްގޭޓާއި ލިވަޕޫލްގެ ފިރްމީނޯއާ ދެމެދު ހިނގި ހަމަނުޖެހުންތައް އެފްއޭއިން ތަހުގީގު ކުރަން ނިންމައިފިއެވެ.
މެޗު ތެރެއިން ހޮލްގޭޓު ވަނީ ފިރްމީނޯ ކޮއްޕާލައި، ސަޕޯޓަރުންގެ ތެރެއަށް ފޮނުވާލާފައެވެ. ޖަވާބުގައި ފިރްމީނޯ ހޮލްގޭޓާއި ދިމާލަށް ބޭއަދަބީ ބަސްތަކެއް ރައްދުކުރި ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
ޚަބަރު ލިބޭ ގޮތުގައި ފިރްމީނޯ ވަނީ ހޮލްގޭޓަށް ނަސްލީ ގޮތުން ފުރައްސާރަ ކޮށްފައެވެ. މިމައްސަލައާ ގުޅިގެން އެފްއޭ އިން ބުނެފައިވަނީ ފިރްމީނޯއާ ހޮލްގޭޓާ ދެމެދު ހިނގި ހަމަނުޖެހުންތައް ރެފްރީގެ ސަމާލުކަމަށް ގެނައި ކަމަށެވެ. އަދި ރެފްރީ އެވާހަކަ މެޗު ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށްވެސް އެފްއޭއިން ހާމަކޮށްފައިވެއެވެ.
މީގެ ކުރިން ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑާއި ކުޅުނު މެޗެއްގައި އޭރު ލިވަޕޫލަށް ކުޅެމުން އައި ލުއިސް ސުއަރޭޒް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ޕެޓްރީސް އެވްރާއަށް ނަސްލީ ގޮތުން ފުރައްސާރަކޮށްފައެވެ. އެމައްސަލަ ބެލުމަށްފަހު އެފްއޭއިން ވަނީ ސުއަރޭޒް 40،000 ޕައުންޑުން ޖޫރިމަނާކޮށް، 8 މެޗަށް ސަސްޕެންޑުކޮށްފައެވެ.