Last Updated: April 29, 14:11
Monday, April 29, 2024
ޚަބަރު

ފެރީން ޓިކެޓް ހޯދަން އުނދަގޫވެ، ޝަކުވާތައް ގިނަ

ހުޅުމީދު އާއި ފޭދުއާ ދެމެދު ބާއްވާ ފެރީ ދަތުރުތަކުން ޓިކެޓް ހޯދަން ފަހަކަށް އައިސް ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށް އެ ހިދުމަތް ހޯދާ ބައެއް މީހުން ބުނެފި އެވެ.

މި ދޭތެރޭގައި އާންމުކޮށް ދަތުރު ކުރާ ބައެއް މީހުން ބުނި ގޮތުގައި ފެރީ ޓާމިނަލަށް ގޮސް ޓިކެޓެއް ހޯދަން އުޅެފި ނަމަ، އެކަން މިހާރު ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ.

އެހެންވެ މިކަމަށް ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) އިން ހައްލެއް ހޯދައި ދޭން ޖެހޭ ކަމަށް ބުންޏެވެ.

"މިހާރު މިވާ ގޮތަކީ އޮފީހުގައި ހުންނަ ކޮންމެވެސް ރައްޓެއްސަކަށް ނޫނީ ފެރީ ލޯންޗް ނޫނީ ފެރީ ދޯނީގައި އުޅޭ ގާތް ކޮންމެ ވެސް މީހަކަށް ގުޅާފައި ކުރީ ބައިގައި މި އޮންނަނީ ޓިކެޓްތައް ނަގުވާފައި،" ހުޅުދޫ މީހަކު ބުންޏެވެ.

އޭނާ ބުނީ މިހެން މިކަން ކުރުން މިހާރު އާންމު ކަމަކަށްވެފައިވާތީ ފެރީތަކުން ޖާގައެއް ހޯދަން ގިނަ ބަޔަކަށް ބޮޑު ހުރަހަކަށްވެފައިވާ ކަމަށެވެ.

"ކިތަންމެ ހެނދުނަކާ ފުރަން ގޮސް ޓިކެޓެއް ގަނެލަން ބަލާ އިރު ޓިކެޓެއް ލިބޭ ކަމަކަށް ނުވޭ. ބުނާނެ ޓިކެޓް ހުރީ ހުސްވެފައޭ،" ފޭދޫގައި ދިރިއުޅޭ މީދޫ މީހަކު ބުންޏެވެ.

މި މައްސަލާގައި ހިދުމަތް ހޯދާ ބައެއް މީހުން ވަނީ މި ޝަކުވާ އެސްޓީއެލް ވެސް އަށް ހުށަހަޅައިފަ އެވެ. އަދި ބައެއް މީހުން ވަނީ މި ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

"ޓިކެޓް ވިއްކަން ހަމަޖެހިފައި އޮންނަ ނިޒާމުގެ ތެރެއިން މިކަން ކުރިއަށްދާ ނަމަ މި މައްސަލައެއް ދިމައެއް ނުވާނެ. އަދި ޝަކުވާ ކުރާކަށް ވެސް ފުރުސަތެއް ނުލިބޭނެ،" އާންމުކޮށް ހިދުމަތް ހޯދާ މީހަކު ބުންޏެވެ.

"ހީވާ ކަހަލަ މިހާރު މީ ވަކި ބަޔަކަށް އިތް ހިދުމަތެކޭ ވެސް،" އޭނާ ބުންޏެވެ.

މިކަމާ ބެހޭ ގޮތުން އެސްޓީއެލްގެ ބަހެއް ހޯދަން "އައްޑޫ ލައިވް" އިން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.