މިދިޔަ ހަފުތާގައި މާލޭގެ އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕުކުރި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު އެމައްސަލަ ނުފޫޒުން އެއްކިބާވެތިބެ، އިންސާފުވެރިކަމާ އެކު ތަހުގީގު ކުރުމަށް އިދިކޮޅު އެމްޑީޕީން ފުލުހުންނަށް ގޮވާލައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހަފްތާގައި މިހާދިސާ ހިނގާފައިވާއިރު ފުލުހުން އެހާ ގިނަ ދުވަސް ވަންދެން މިކަމަށް ޖަވާބުދާރީ ނުވެ، ހިމޭނުން ތިބުމަކީ ރޭޕް ކުރާ މީހުންނަށް ހިމާޔަތްދީ، އެފަދަ މީހުންނަށް ލިބޭ ހިތްވަރެއް ކަމަށް ދެކޭ ކަމަށެވެ.
މީގެ އިތުރުން ޖިންސީ އަނިޔާ ކުރުމާއި، މަސައްކަތުގެ މާޙައުލުގައި ޖިންސީ ފުރައްސާރަކުރުން މުޖުތަމައު ތެރޭގައި އާންމުވެފައިވާއިރު، އެފަދަ މައްސަލަތައް ފެންމަތިވުމުން ދައުލަތުގެ އެންމެ މަތީ ފެންވަރުގައި އެކަން ފޮރުވަން މަސައްކަތް ކުރުމަކީ މިފަދަ ކަންކަން މުޖުތަމައު ތެރޭގައި އާންމުވުމަށް މަގުފަހިވާ ކަމެއް ކަމަށް އެމްޑީޕީން ދެކެއެވެ.
އަދި އެފަދަ ބޮޑެތި ކުށްތައް ކުރަމުން އަންނަ ފަރާތްތަކަށް ހައްގު އަދަބު ދިނުމާއި އެކަންކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
އެފަދަ ބޮޑެތި ކުށްތައް ބަލަން ޖެހޭ އަވަސްމިނުގައި ނުބަލައި، ސިޔާސީ ގޮތުން މަންފާ ހޯދުމަށް ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރުމުން އަދުލު އިންސާފު ހަލާކުވެގެން އަންނަތަން މިއަދު ފެންނަމުންދާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިފަދަ އަނިޔާތައް ތަހައްމަލް ކުރަމުން އަންނަ ހުރިހާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދީ އޯގާތެރިކަމާއެކު އެމީހުންގެ އެންމެހާ ކަންކަން ބެލޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ދައުލަތުގެ މުއައްސަސާތަކާއި ޖެންޑާ މިނިސްޓަރީ އަދި ހިއުމަން ރައިޓްސް ކޮމިޝަނަށް އެމްޑީޕީން ގޮވާލާފައިވެއެވެ.
އަންހެން ކުއްޖަކު ރޭޕުކުރި މައްސަލާގައި މީހަކު ގދ. ތިނަދޫއިން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ޚަބަރު ފެތުރިފައިވާ އިރު މިއަމަލު ހިންގާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިލާމެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ކޮއްކޮއެއް ކަމަށް އަޑު ފެތުރިފައިވެ އެވެ.