ބޭސްފަރުވާ ކުރުމުގެ ހައްގަކީ ދައުލަތުގެ އިސް ވެރިން ހިތްހަމަޖެހުމުން ފޯރުކޮށްދޭން ޖެހޭ ހައްގެއް ނޫން ކަމަށް ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ކޯޓުގައި ވިދާޅުވެއްޖެއެވެ.
އަދީބުގެ ވަކީލުން މެދުވެރިކޮށް ހުށައެޅި ބަޔާނުގައި ބުނެފައިވަނީ އަދީބުގެ ބޭސްފަރުވާގެ މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ދައުލަތުން ބުނި ބުނުމަކީ ޒިންމާދާރުކަން ކުޑަ ބުނުމެއް ކަމަށެވެ. އަދި ބޭސްފަރުވާގެ ހައްގު ލިބިދިނުމުގައި އެއްވެސް ސަބަބަކާއި ހުރެ ތަފާތުކުރުން ނުގެންގުޅޭވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މާލޭގެ ޑޮކްޓަރުންނަށް އަދީބު ދެއްކުމުން ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރަން ޖެހޭ ކަމަށް ބުނެ ހަވާލުކުރި ލިޔެކިޔުންތައް އަދީބަށް ލިބިފައިނުވާ ކަމަށާއި ލިޔެކިޔުންތައް ހޯދުމަށް ތަކުރާރުކޮށް ކަރެކްޝަނަލް ސާވިސެސްގައި އެދިފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި އަދީބުގެ ވަކީލުން ވަނީ އަދީބުގެ ބޭސްފަރުވާގެ ކަންތައް ކުރަމުންދަނީ "އެއްވެސް ކަހަލަ އުސޫލެއް ހަމައެއް އޮވެގެން ބޭސްފަރުވާ ކޮށްދިނުމުގެ ނިޔަތުގައި ނޫން" ކަމަށް ކޯޓުގައި ތުހުމަތުކޮށްފައެވެ.
މީގެ ކުރިން އަދީބުގެ ބޭސްފަރުވާއާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެފައިވަނީ އަދީބު ދައުލަތަށް ދައްކަން ޖެހޭ ވަރަށް ގިނަ ފައިސާ އެބަހުރި ކަމަށާއި އެފައިސާ ދެއްކުމުން ނޫނީ ބޭރަށް ނުފޮނުވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދީބު ވަނީ ރައީސް އެވިދާޅުވާ ފައިސާ ވީތަނެއް އެނގޭނީ ޚުދު އެމަނިކުފާނަށް ކަމަށް ވިދާޅުވެ ތުހުމަތުގެ އިނގިލި ރައީސަށް ދިއްކޮށްފައެވެ.
އަދީބުގެ އާއިލާއިން ޑޮކްޓަރުންނާ ހަވާލާދީ ބުނެފައިވަނީ އަދީބަށް ވަނީ ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޯކޯމާ" ޖެހިފައި ކަމަށެވެ. އަދި އޭނާގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި ކެންސަރަށް ސްކްރީން ކުރުމަށްވެސް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށެވެ.