Last Updated: June 28, 13:41
Sunday, June 28, 2026
ޚަބަރު

ކުއިކްސިލްވާ އިން ބިލަބޮންގް ގަނެފި

މަޝްހޫރު ސްޕޯޓްސް ބްރޭންޑް ބޯޑްރައިޑާސް އިން 155 މިލިއަން ޑޮލަރަށް އޮސްޓްރޭލިއާގެ ބިލަބޮންގް ބްރޭންޑް ގަނެފިއެވެ.

މިއީ ބިލަބޮންގް ބްރޭންޑް ސަލާމަތް ކުރަން އޮތް ހަމައެކަނި ގޮތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ބިލަބޮންގް އަށް ފައިދާވެފައި ވަނީ އެންމެ އަހަރަކު ކަމުގައިވާތީ އެވެ.

މީގެ އިތުރުން ވެސް މިދިޔަ އަހަރު ބިލަބޮންގް އަށް ވަނީ 58 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ވެސް ލިބިފަ އެވެ. އެއީ 2016 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ގެއްލުމަށްވުރެ ތިން ގުނަ ބޮޑު އަދަދެކެވެ.

ބިލަބޮންގްއަކީ އެ ކުންފުނީގެ ދަށުން އިތުރު އަށް ބްރޭންޑެއްގެ ހެދުން ވިއްކުމުގެ އިތުރުން ދުނިޔޭގެ އެކިއެކި ހިސާބުތަކުގައި ބާއްވާ ރާޅާއެޅުމުގެ ޙަރަކާތްތައް ސްޕޮންސަރ ކުރާ ކުންފުންޏެކެވެ.

ބޯޑްރައިޑާސްއަކީ ކުރިން ކުއިކްސިލްވާގެ ނަމުން މަޝްހޫރުވެފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ނަން މިހާރު ބަދަލުކޮށްފައި ވީނަމަވެސް، އަދިވެސް ކުއިކްސިލްވާ ބްރޭންޑް ނަމުގައި އެކުންފުނިން ހެދުން ވިއްކައެވެ.

ބޯޑްރައިޑާސް ނުވަތަ ކުއިކްސިލްވާ އަކީ އެމެރިކާގެ އޯކްޓްރީ ކެޕިޓަލް މެނޭޖްމެންޓްގެ ދަށުން ހިންގާ ކުންފުންޏެކެވެ.

ބިލަބޮންގް އާއި ބޯޑްރައިޑާސްގެ 630 ފިހާރަ ތަފާތު 28 ޤައުމެއްގައި ހުންނާނެ ކަމަށް ބޯޑްރައިޑާސް އިން މަޢުލޫމާތު ލިބެއެވެ.

1973 ވަނަ އަހަރު އުފެދުނު ބިލަބޮންގް ބްރޭންޑް އޮސްޓްރޭލިއާގެ ސްޓޮކް އެކްސްޗޭންޖް އަށް އެންމެ ފުރަތަމަ އަރާފައި ވަނީ 2000 ވަނަ އަހަރު އެވެ.