Last Updated: June 28, 13:55
Sunday, June 28, 2026
މުނިފޫހިފިލުވުން

"ޕަދްމާވަތު" 25 ގައި ސިނަމާތަކަށް

ތަފާތު އެކި މައްސަލަތަކާ ހެދި މުއްދަތެއް ނެތް ގޮތަށް ރިލީޒް ކުރުން ފަސްކޮށް، "ޕަދްމާވަތީ" އިން މިހާރު "ޕަދްމާވަތު" އަށް ނަން ވެސް ބަދަލު ކުރަން ޖެހުނު ސަންޖޭ ލީލާ ބަންސާލީގެ ފިލްމް މި މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ސެންސަރު ބޯޑްގެ ހުއްދަ ނުލިބުމުން ގިނަ ދުވަސްތަކެއް ވަންދެން ފަސްކޮށްފައި އޮތް މި ފިލްމް ރިލީޒް ކުރުމުގެ ހުއްދަ މިހާރު ލިބިފައިވާ އިރު، ފިލްމް ރިލީޒް ކުރަން ކަނޑައަޅާފައިވާ ތާރީޚަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އަކްޝޭ ކުމާރް އާއި ސޯނަމް ކަޕޫރްގެ ފިލްމް "ޕެޑްމޭން" ވެސް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ދުވަހެވެ.

ކުރިއަށް އޮތް 18 ދުވަހުގެ ތެރޭގައި "ޕަދްމާވަތް" ރިލީޒް ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމުމަށް ވަޔޮކޮމް 18 އިން މަސައްކަތް ކުރަމުންދާ އިރު، ފިލްމް ރިލީޒް ކުރުމުގެ ހުއްދަ ސެންސަރު ބޯޑުން ދީފައި ވަނީ ހުކުރު ދުވަހު އެވެ.

ދެ ގަޑިއިރާއި 43 މިނެޓްގެ "ޕަދްމާވަތު" ގެ ލީޑް ރޯލުން ފެނިގެން ދާނީ ރަންވީރް ސިންގް އާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޝާހިދް ކަޕޫރެވެ.

މި ފިލްމަކީ ކުރިން އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ނޮވެމްބަރު 14 އަށް ތާވަލްކޮށް، ފަހުން ޑިސެމްބަރު 1 ގައި ރިލީޒް ކުރަން އިއުލާން ކުރި ފިލްމެކެވެ.