Last Updated: June 15, 17:29
Monday, June 15, 2026
ކުޅިވަރު

ސްޓޯކުން ހިއުގްސް ވަކިކޮށްފި

ސްޓޯކް ސިޓީގެ މެނޭޖަރުކަމުން މާކް ހިއުގްސް މިއަދު ވަކިކޮށްފި އެވެ.

ސްޓޯކުން ހިއުގްސް ވަކިކޮށްފައި ވަނީ ރޭ އެފްއޭ ކަޕުގައި ލީގް ދެ ގެ ކުލަބަކުން ސްޓޯކް ބަލިވެ މުބާރާތުން ކެޓުމާ ގުޅިގެންނެވެ.

މީގެ އިތުރުން ކުލަބަށް ވަނީ މި ސީޒަނުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ޕްރިމިއާ ލީގުގައި ކުޅުނު 22 މެޗްގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ 5 މެޗުންނެވެ. ފަސް މެޗުން އެއްވަރުވެފައިވާ އިރު 12 މެޗުން ބަލިވެ ތާވަލުގެ 18 ވަނަ އަށް ޓީމު ވަނީ ވެއްޓިފަ އެވެ.

ފާއިތުވެ ދިޔަ ހަތަރު އަހަރު ސްޓޯކްގެ މެނޭޖަރުކަން ކުރި ހިއުގްސް ކުލަބުން ވަކިކޮށްފައިވާ އިރު ދެން ސްޓޯކް ކުޅެން ޖެހެނީ އަންނަ ހޯމަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

ސްޓޯކުން ވަނީ ޔުނައިޓެޑާއި ކުޅުމުގެ ކުރިން މެނޭޖަރަކު އައްޔަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ޒުވާން ދުވަސްވަރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު މާކް ހިއުގްސް ވަނީ ސްޓޯކުގެ ކުރިން މެންޗެސްޓާ ސިޓީ، ބްލެކްބާން އަދި ކިއުޕީއާރްގެ މެނޭޖަރުކަން ވެސް ކޮށްފަ އެވެ.