ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމް "ޓައިގާ ޒިންދާ ހޭ" ރިލީޒް ކުރިތާ 16 ދުވަހުގެ ތެރޭގައި 300 ކްރޯޑް ރުޕީސް އަށްވުރެ ބޮޑު ފައިދާއެއް އިންޑިއާގައި ލިބިއްޖެ އެވެ.
މިދިޔަ މަހުގެ 22 ގައި ރިލީޒް ކުރި މި ފިލްމް ވަނީ ގިނަ ރެކޯޑްތަކެއް މުގުރާލައި ފައެވެ.
މީގެ ކުރިން ލަފާ ކުރެވުނު ގޮތަށް "ޓައިގާ ޒިންދާ ހޭ" ވަރަށް އަވަހަށް 300 ކްރޯޑް ރުޕީސް އަށްވުރެ ބޮޑު ފައިދާއެއް ހޯދާނެ އެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދަރްޝް ބުނެފައިވާ ގޮތުގައި "ޓައިގާ ޒިންދާ ހޭ" ވަނީ ރިލީޒް ކުރިތާ 16 ވަނަ ދުވަހު 300 ކްރޯޑް ރުޕީސް ހޯދައި ފައެވެ.
އެހެންކަމުން މި ފިލްމް ވެފައި ވަނީ މިހާތަނަށް ބޮލީވުޑްގައި 300 ކްރޯޑް ރުޕީސް ހޯދި ފަސް ވަނަ ފިލްމަށެވެ.
މީގެ ކުރިން ސަލްމާންގެ ބަޖިރަންގީ ބައިޖާން (2015) އާއި ސުލްތާން (2016) ވަނީ މި ރެކޯޑް މުގުރާލައިފަ އެވެ.
މި ލިސްޓްގައި ހިމެނޭ އަނެއް ދެ ފިލްމަކީ އާމިރް ޚާންގެ "ޕީކޭ" އާއި "ޑަންގަލް" އެވެ.
ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އަދިތްޔަ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ "ޓައިގާ ޒިންދާ ހޭ" އަކީ މިހާތަނަށް އެ ސްޓޫޑިއޯ އިން އެންމެ ކާމިޔާބު ފިލްމެވެ. މި ފިލްމް ވަނީ މީގެ ކުރިން ވައިއާރްއެފްގެ "ސުލްތާން"، "ދޫމް 3"، "އޭކް ތާ ޓައިގާ" އަދި "ޖަބް ތަކް ހޭ ޖާން "ގެ ރެކޯޑްތައް ވެސް މުގުރާލައިފަ އެވެ.
"ޓައިގާ ޒިންދާ ހޭ" ޑައިރެކްޓްކޮށްފައި ވަނީ އަލީ އައްބާސް ޒަފަރް އެވެ. މިއީ 2012 ގައި ކަބީރް ހާން ޑައިރެކްޓް ކުރި "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައެވެ.