Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ހައުސިންގެ އައްޑޫ ކޯޑިނޭޓަރަކު "ބިން ބަހާ" ކަމުގެ ތުހުމަތުތަކެއް

އައްޑޫގައި ތިއްބަވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުންނާއި އެކު ހައުސިން މިނިސްޓަރު މުއިއްޒު.

އައްޑޫ ސިޓީގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ކޯޑިނޭޓަރަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކި ފަރާތްތަކަށް ބިންތައް ދޫކުރާ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި މުވައްޒަފު ބުނި ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ވެސް، ހިތަދޫ އީސީސީ ސަރަހައްދުން ވިޔަފާރިވެރިޔަކަށް ބިމެއް ހަމަޖައްސައި ދީފައިވާ ކަމަށެވެ.

"އީސީސީ ސަރަހައްދުން މީގެ ދުވަސްކޮޅެއް ކުރިން ހިތަދޫގެ ބޮޑު ވިޔަފާރިވެރިޔަކަށް ބިމެއް ވަނީ ދީފައި. އެކަން ކޮށްފައި ވަނީ މިތަނުގައި އަމަލުކުރާ އުސޫލުތަކާއި މުޅިން ޚިލާފަށް. ކޯޑިނޭޓަރު ގެންދަނީ އޭނާ ބޭނުން ބަޔަކަށް ބިން ބަހަމުން،" އޭނާ ބުންޏެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން "ބިން ބަހާ" ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން 'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ހައުސިންގެ އައްޑޫ ޑިޕާޓްމަންޓުން ވަނީ އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި "އެއްވެސް މީހަކަށް އެއްވެސް ބިމެއް ދީފައި ނުވާނެ" ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.