Last Updated: June 15, 13:51
Monday, June 15, 2026
ޚަބަރު

އާސެނަލް އެފްއޭ ކަޕުން ކަޓައިފި

އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ރޭ ނޮޓިންހަމް ފޮރެސްޓާއި ވާދަކޮށް އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް ބަލިވެ، މުބާރާތުން ކަޓައިފިއެވެ.

ގިނަ ބަޔަކު ހައިރާންކޮށްލި މިމެޗު ފޮރެސްޓުން ކާމިޔާބުކޮށްފައިވަނީ 2-4 އިންނެވެ. މެޗުގެ ފުރަތަމަ ގޯލު 20 ވަނަ މިނެޓުގައި ޖަހާފައިވަނީ ފޮރެސްޓުގެ ލިޗަޖްއެވެ. ނަމަވެސް 23 ވަނަ މިނެޓުގައި އާސެނަލް ކެޕްޓަން މާޓަސެކާ ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.

ފޮރެސްޓުން ދެވަނަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފު ނިމެން އެންމެ މިނެޓަކަށް ވެފައިވަނިކޮށެވެ. މިލަނޑުވެސް ޖެހީ ފުރަތަމަ ލަނޑު ކާމިޔާބުކުރި ލިޗަޖްއެވެ. ދެވަނަ ހާފުގައި ފޮރެސްޓަށް ލީޑު ފުޅާކޮށްދީފައިވަނީ 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރެންޓަންއެވެ.

ނަމަވެސް 79 ވަނަ މިނެޓުގައި ވެލްބެކް ވަނީ ނަތީޖާ 2-3 އަށް ހަނިކޮށްފައެވެ. ފަސް މިނެޓު ފަހުން ޑޮވެލް ވަނީ އަނެއްކާވެސް ލިބުނު ޕެނަލްޓީއަކުން ފޮރެސްޓުގެ ލީޑު 2-4 އަށް ފުޅާކޮށްފައެވެ.

ތަށި ދިފާއުކުރަން އާސެނަލް ނިކުތް ފުރަތަމަ މެޗުން ބަލިވެ ކަޓާފައިވާއިރު ރޭގެ މެޗުގައި އާސެން ވެންގާ ވަނީ ޓީމުގެ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.