ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އާއި ލެވާންޓޭ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-3 އިން ބާސާ މޮޅުވެފައިވާއިރު ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ރެއާލްގެ އުއްމީދުތައް ފަނޑުވެއްޖެއެވެ.
މެޗުގެ ފުރަތަމަ 12 މިނެޓު ތެރޭ މެސީ ވަނީ ބާސާއަށް ލީޑު ނަގާދީފައެވެ. 38 ވަނަ މިނެޓުގައި ލީޑު ފުޅާކުރީ ލުއިސް ސުއަރޭޒްއެވެ. އަދި ބާސާގެ ފަހު ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތުގެ ތިން މިނެޓު ތެރޭގައި ޖަހާފައިވަނީ ޕޯލީނިއޯއެވެ.
ރެއާލް އަދި ސެލްޓާ ވީގޯ ބައްދަލުކުރި މެޗު ފުރަތަމަ ލަނޑު ޖަހާފައިވަނީ ސެލްޓާ އިންނެވެ. 33 ވަނަ މިނެޓުގައި މިލަނޑު ޖަހާފައިވަނީ ވާސްއެވެ. ނަމަވެސް ބޭލް ވަނީ ތިން މިނެޓު ފަހުން ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. 38 ވަނަ މިނެޓުގައި ރެއާލް މެޑްރިޑަށް ލީޑު ނަގާދިނީވެސް ބޭލްއެވެ.
މެޗުގެ ރެއާލްގެ ފަރާތުން އިތުރު ލަނޑެއް ފެނިފައިނުވާއިރު ސެލްޓަ ވީގޯ އިން ނަތީޖާ އެއްވަރުކުރީ 82 ވަނަ މިނެޓުގައި މާރިއޯ ގޮމޭޒް ގޮންޒާލެޒް ޖެހި ގޯލަކުންނެވެ.
ލީގު ތާވަލުގެ ހަތަރުވަނައަށް ރެއާލް ވެއްޓިފައިވާއިރު ބާސެލޯނާއާ ދެމެދު މިހާރު ވަނީ 16 ޕޮއިންޓުގެ ފަރަގެއް އުފެދިފައެވެ. ބާސާއިން އެއްވަނައިގައި 48 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި އެތްލެޓިކޯ އޮތީ 39 ޕޮއިންޓު ލިބިގެންނެވެ. އަދި ތިންވަނައިގައި އޮތީ 37 ޕޮއިންޓާއެކު ވެލެންސިއާއެވެ.