ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ އަޑު އެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
މާދަމާއަށް ތާވަލުކުރި އަޑުއެހުމަކީ މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހަޅާ އެންމެ ފަހު ހުށަހެޅުން ހުށަހެޅުމަށް ބާއްވާ އަޑުއެހުމެކެވެ.
ދައުވާ ބާތިލުކުރުމަށް އެދި ހުށައެޅުންތަކާއެކު 22 ހުށައެޅުމެއް ފާރިސްގެ ފަރާތުން މީގެ ކުރީގެ އަޑުއެހުންތަކުގައި ވަނީ ހުށައެޅިފައެވެ. ޝަރީއަތުގެ އަޑުއެހުންތައް ފަށާނީ ހުށައެޅުންތަކާ މެދު ގޮތެއް ކަނޑައެޅުމަށް ފަހުގައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކުރުމަށް ފަހު ދައުވާ ކުރުމެއް ނެތި ބަންދުގައި ބަހައްޓާފައިވާއިރު ފާރިސް ވަނީ އޭނާ ދުވަހަކުވެސް ރިޝްވަތު ހުށައަޅާފައި ނުވާނެ ކަމަށާއި އޭނާއާ ދެކޮޅަށް ހޯދޭނެ ހެއްކެއްވެސް ނުހުންނާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.