Last Updated: June 15, 13:51
Monday, June 15, 2026
ޚަބަރު

އިދިކޮޅުން އެއް ކެންޑިޑޭޓްގެ މަޝްވަރާ ފަށައިފި

އިދިކޮޅު އިއްތިހާދުން ބޭއްވި ޕްރެސް ކޮންފަރެންސުގެ ތެރެއިން: ފޮޓޯ - ވީމީޑިޔާ

ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ކުރާ މަޝްވަރާތައް މިއަދު ރަސްމީ ގޮތެއްގައި ފަށައިފިއެވެ.

އެމްޑީޕީއާއި ޖޭޕީ އަދި އަދާލަތު ޕާޓީގެ އިތުރުން ޕީޕީއެމްގައި ކުރީގެ ރައީސް މައުމޫނަށް ތާއީދު ކުރާ މެމްބަރުންނާއެކު ހަދާފައިވާ އިއްތިހާދުން ރިޔާސީ އިންތިޚާބުގައި ނެރުމަށް ތައްޔާރުވަމުން ދަނީ އެންމެ ކެންޑިޑޭޓެކެވެ. އެ ކެންޑިޑޭޓަށް ކުރީގެ ރައީސް ނަޝީދު ހެދުމަށް އެމްޑީޕީން ބޭނުންވާއިރު ޖޭޕީން ބޭނުންވަނީ ޓިކެޓު އެޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމަށް ހޯދާ ދިނުމެވެ.

މި ކެންޑިޑޭޓު ކަނޑައެޅުމަށް ޕާޓީތަކުން އެކުގައި މަޝްވަރާ ފަށައި، މިއަދު ފުރަތަމަ މަޖިލިސް ބާއްވާފައިވާއިރު މަޝްވަރާ ކޮމިޓީގެ ޗެއާ، އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެފައިވަނީ ހަތަރު ޕާޓީ ތެރެއިން މަޝްވަރާކޮށްގެން އެއްބަސްވުމަކަށް ނާދެވޭނެ ކަމެއް ނެތް ކަމަށެވެ.

މިއަދު މަޝްވަރާގެ މަޖިލީހަށް ކޮންމެ ޕާޓީއަކުންވެސް އެޕާޓީން ބޭނުންވާ ކަންކަމާ ބެހޭ ގޮތުން ލިޔެކިޔުންތައް ހުށައަޅާފައިވެއެވެ. އަދި އެއަށް ބަލާއިރު މާ ބޮޑެތި މައްސަލަތަކެއް ނެތް ކަމަށްވެސް އިބޫ ބުނެފައިވެއެވެ. އަދި ހަތަރު ޕާޓީގެ މަންދޫބުންވެސް އެކަކު އަނެކަކަށް ދޫދީގެން މަސައްކަތް ކުރާއިރު ވަރަށް އަވަހަށް ނިންމުމަކަށް އާދެވޭނެ ކަމަށް އިބޫ ގަބޫލުކުރެއެވެ.

މަޝްވަރާތައް ކުރިއަށް ގެންދާނީ ސިއްރުން ކަމަށް ކުރިން އަޑު ފެތުރުނު ނަމަވެސް ކޮމިޓީގެ ވައިސް ޗެއާ، ޖޭޕީގެ ނައިބު ލީޑަރު ރިޔާޒް ވަނީ މަޝްވަރާތައް ކުރިއަށްދާނީ މީޑިޔާއާ ހިއްސާ ކޮށްގެން ކަމަށް ވިދާޅުވެފައެވެ. މިއަދު ފުރަތަމަ ބައްދަލުވުން ބާއްވާފައިވިނަމަވެސް މަޝްވަރާ ކުރެވުނު ކަންތަކުގެ ތަފްސީލެއް އިއްތިހާދުން ހާމަކޮށްފައެއް ނުވެއެވެ.