Last Updated: May 14, 22:22
Wednesday, May 15, 2024
ޚަބަރު

"އައްޑޫގެ ކަރަންޓް މައްސަލަ މި ހަފުތާގައި އެއްކޮށް ހައްލު ވާނެ"

އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ މި ހަފުތާ ތެރޭގައި އެއްކޮށް ހައްލު ކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

މި ދުވަސްކޮޅު އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ދޭތެރެ ދޭތެރެ އިން ކަރަންޓް ކަނޑަމުންދާ އިރު ޝަރީފް މިއަދު އެހެން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އައްޑޫ ގެ ބައެއް ސަރަހައްދުތަކުން މިހާރު ކަރަންޓް ކަނޑަނީ ލޯޑް ބޮޑުވެގެން ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ކަރަންޓް ކަނޑަނީ އަލަށް ގެނައި ދެ ޖަނަރޭޓަރު ޓެސްޓް ކުރަމުން ދާތީ އެވެ. އެހެންވެ މި ހަފުތާ ތެރޭގައި އެ ޖެނެރޭޓަރުތައް ޓެސްޓްކޮށް ނިމި ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލު ވާނެ ކަމަށް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އަލަށް ބެހެއްޓި ދެ ޖަނަރޭޓަރުގެ ތެރެއިން 2.5 މެގަވޯޓްގެ ޖަނަރޭޓަރު ޓެސްޓް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ދޭއް މެގަވޯޓްގެ ޖަނަރޭޓަރު ޓެސްޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

"ސްޓެލްކޯ ނަގާފަ އެންމެ ވަރުގަދަ އިންޖީނުގެ އަށް އައްޑޫ ސިޓީގެ އިންޖީނުގެ ވެގެންދާނެ، އައްޑޫ ސިޓީއަށް ބޭނުންވަނީ 6.4 މެގްވޯޓްގެ ޖަނަރޭޓަރު ސެޓެއް،" އޭނާ ވިދާޅުވި އެވެ. "މިހާރު އިންސްޓޯލް ކޮށްފައިވާ ދެ ޖަނަރޭޓަރާއެކު 9.8 މެގަވޯޓަށް އަރާނެ، އެހެން ކަމުން އައްޑޫ ސިޓީ އަށް ލޯޑް ބޮޑެއް ނުވާނެ."

އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް އެ ރަށަށް އަލަށް ގެންދިޔަ ދެ ޖަނަރޭޓަރު އިންސްޓޯލް ކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަދި ޑިސެމްބަރު މަހު ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް ފެނަކަ އިން ބުނެފައިވެ އެވެ.