Last Updated: June 11, 06:42
Thursday, June 11, 2026
މުނިފޫހިފިލުވުން

"ފަތިސްހަނދުވަރުގެ ފެށުން" އެޕްރީލް 5 ގައި

ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ ދިވެހި ފުރަތަމަ 3ޑީ ފިލްމް "ފަތިސްހަނދުވަރުގެ ފެށުން" އަންނަ މަހުގެ ފަސް ވަނަ ދުވަހު ޕްރީމިއާ ކުރާ ގޮތަށް ނިންމައިފި އެވެ.

ޑާކް ރެއިން އެންޓަޓެއިންމަންޓުން އުފައްދާފައިވާ މި ފިލްމަކީ ބިންމާ އިބްރާހީމް ވަހީދުގެ ވާހަކަ "ފަތިސްހަނދުވަރު" ގެ މައްޗަށް 1997 ވަނަ އަހަރު ގެނެސް ދިން ފިލްމްގެ ޕްރީކްްއެލްއެކެވެ.
އެހެންވެ މުޅިން އެހެން ތަރިންތަކަަކާ އެކު "ފަތިސްހަނދުވަރުގެ ފެށުން" އިން ފެނިގެން ދާނީ ރީކޯ މޫސާ މަނިކާއި ނިއުމާ މުހައްމަދު ލީޑް ރޯލް ކުޅުނު "ފަތިސްހަނދުވަރު" ގެ ކުރިން ހިނގާފައިވާ ހާދިސާތަކެވެ.

އެހެން ނަމަވެސް ކުރީ ފިލްމާ އެއްގޮތަށް މި ފަހަރުގެ ފިލްމްގައި ވެސް ކިޔައި ދޭނީ ޖިންނިއަކާ އިންސާނަކާ ދެމެދު ހިނގާ ލޯބީގެ ހާދިސާތަކެވެ.

މި ފިލްމް އުފައްދާފައި ވަނީ 2009 ވަނަ އަހަރު ބިންމާ "ހަވީރު" ނޫހުގައި ގެނެސް ދިން "ޖިނާ؛ ފަތިސްހަނދުވަރުގެ ފެށުން" ގެ މައްޗަަށެވެ.

މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ "ފަތިސްހަނދުވަރުގެ ފެށުން" ގެ ލީޑް ރޯލުން ފެނިގެން ދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފާތިމަތު ފަރީލާ އެވެ.

މީގެ އިތުރުން އަހުމަދު ނިމާލް، އަހުމަދު ސައީދު، މުހައްމަދު ފައިސަލް އަދި ހާމިދު އަލީ ފަދަ ފަންނާނުން މި ފިލްމުން ފެނިގެން ދާނެ އެވެ.

ޑާކް ރެއިނުން ބުނީ "ފަތިސްހަނދުވަރުގެ ފެށުން" ގެ 3ޑީ ޓިކެޓް ވިއްކަކީ 150ރ. އަށް ކަމަށެވެ. ޓިކެޓަށް ނަން ނޯޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މި ފިލްމް އަތޮޅުތެރޭގެ ރަށްރަށުގައި ވެސް އެޅުވުމަށް ޑާކް ރެއިނުން ވަނީ ނިންމާފަ އެވެ.