Last Updated: June 15, 13:51
Monday, June 15, 2026
ޚަބަރު

ފްލެޓް ލިބުމުން ކުއްޔަށް ދޭ ނަމަ އަތުލާނަން: މުއިއްޒު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އާންމު ރައްޔިތުންނަށް ދޫކުރާ ފްލެޓުތައް އެއްބަސްވުމާއި ޚިލާފަށް ކުއްޔަށް ދޫކުރާނަމަ ފްލެޓުތައް އަތުލާނެ ކަމަށް ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ ފްލެޓުތައް ލިބުނު ބައެއް ފަރާތްތަކުން މިހާރުއްސުރެން ފްލެޓުތަކުގައި ދިރިއުޅުމުގެ ބަދަލުގައި އާމްދަނީ ހޯދުމުގެ ގޮތުން ކުއްޔަށް ދިނުމަށް ރާވަމުންދާ ކަމަށް ބުނެ މީޑިޔާގައި އަޑު ފެތުރުމާއި ގުޅިގެންނެވެ.

ސަރުކާރާއި ފްލެޓު ލިބޭ މީހާއާ ދެމެދު ހަދާ އެއްބަސްވުމުގައި ފްލެޓުތައް އެއްކޮށް ކުއްޔަށް ދޫކުރުމަކީ މަނާ ކަމެކެވެ. ތިން ކޮޓަރީގެ ފްލެޓުތަކުގެ ތެރެއިން އެއް ކޮޓަރި ކުއްޔަށް ދިނަސް، އަނެއް ދެ ކޮޓަރީގައި ދިރިއުޅެވޭނީ ފްލެޓު ލިބުނު ފަރާތްތަކެވެ.

ހުޅުމާލެއިން އެންމެ ފަހަކަށް ދޫކުރި ފްލެޓުތައް ލިބުނު ފަރާތްތަކުން 25،000 ރ. ގެ ޑައުން ޕޭމެންޓު ދެއްކުމަށްފަހު ފްލެޓަށް މަހަކު ދައްކަން ޖެހޭނީ 7،000ރ. އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ފްލެޓުތައް މަހު ކުލީގެ ގޮތުގައި 15،000-20،000ރ. އާ ދެމެދު އަގަކަށް ދޫކުރަން އުޅޭ ވާހަކަތައް މިދަނޑިވަޅުގައި އަންނަނީ ދެކެވެމުންނެވެ.

ފްލެޓުތައް ދޫކުރިއިރު ފްލެޓު ލިބުނު މީހުންގެ ނަން ހާމަކޮށްފައިނުވާއިރު ގިނަ ބަޔަކު ވަނީ ސަރުކާރުން އެގޮތަށް އަމަލުކުރީ ފްލެޓުތައް ބޭއިންސާފުން ދޫކުރުމަށް ފަހު ކަމަށް ބުނެ ޝަކުވާކޮށްފައެވެ. ފްލެޓު ދޫކުރުމުގެ ކުރިން ޕޮއިންޓު ދިންއިރު، މަތިން މާކު ލިބުނު ފަރާތްތަކަށް ފްލެޓު ނުލިބި، އެމީހުނަށްވުރެ ދަށް މާކުސް ލިބުނު ފަރާތްތަކަށް ފްލެޓު ލިބިފައިވާ ކަމަށް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ ފްލެޓު ދޫކުރުމުގައި ބޭއިންސާފުން އަމަލު ކޮށްފައި ނުވާނެ ކަމަށާއި ފްލެޓު ލިސްޓު އާންމުކުރިއިރު ލިބުނު މީހުންގެ ތަފްސީލު ހިމަނާފައިނުވީ ލިބުނު މީހުންނާއި ނުލިބޭ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށް ބުނެފައެވެ. އަދި ފްލެޓު ލިސްޓު އެއްވެސް ފަރާތެއްގެ ކެމްޕޭނު އޮފީހަކަށް ފޮނުވާފައި ނުވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.