Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

އަތޮޅުތެރޭގެ ތަރައްޤީއަށް އަބަދުވެސް ހުރަސްތަކެއް

ނިމިދިޔަ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ރިޔާސީ ބަޔާނުގައި އަތޮޅުތެރޭގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް އިއުލާން ކުރެއްވިއެވެ.

އޭގެތެރެއިންވެސްް ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކަށް އުފާވެރިކަން ލިއްބައިދިން މަޝްރޫއެކެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ޓާޝަރީ ހޮސްޕިޓަލަކަށް ތަރައްޤީ ކުރާނެ ވާހަކައެވެ.

އެދުވަސްކޮޅު އިދިކޮޅު ފަރާތްތަކުން މިކަމަށް ނިކަން ހަޖޫޖަހާ ވާހަކަވެސް ދެއްކެވިއެވެ. ނަމަވެސް އިދިކޮޅުފަރާތްތަކުގެ އަނގަ ބަންދުވީ ރައީސް ރިޔާސީ ބަޔާނުގައި ވިދާޅުވިގޮތަށް މާގިނަ ދުވަސްތަކެއް ނުވަނީސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމަށް އިންޑިއާގެ މަޝްހޫރު ނިމްސް އިން ހަވާލުވުމުންނެވެ.

އާއެެކެވެ.އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މިސަރަހައްދަށްވެސް މަޝްހޫރު 350 އެނދުގެ ނިމްސް ހޮސްޕިޓަލުން އަޅުގަނޑުމެންގެ ރާއްޖޭގެ އަތޮޅުތެރޭ ހޮސްޕިޓަލެއް ތަރައްޤީކޮށް ހިންގުމަށް ހަވާލުވުމަކީ ކުޑަކަމެއް ނޫނެވެ.

އިންޑިއާގެ ނިމްސް އިން ކުރިން ހޯދި ހިދުމަތްތައް ރަށުގައި ތިބެގެން، އަދި އަތޮޅުގައި ތިބެގެން ލިބޭނެކަމުގެ ފޮނި ހުވަފެންތައް އުތުރުގެ ރައްޔިތުން ބަލަންފެށިއެވެ. އަދި ރައީސް ޔާމީން ވީ ވައުދު ފުއްދައިފި ކަމުގެ އިހުސާސެއްވެސް ކުރެވުނެވެ. އެމަނިކްފާނު ވިދާޅުވިހެން ހޮސްޕިޓަލް ތަރައްޤީކުރުމަށް ފެންވަރު ރަނގަޅު ބޭރު ބަޔަކާ އެއޮތީ ހަވާލުކޮށްފައެވެ.

ނަމަވެސް 19 ޖޫން 2017 ގައި ނިމްސް އާ ހަވާލުކުރެވުނު ހޮސްޕިޓަލް ތަރައްޤީނުވާ ވާހަކައިގެ ޝަކުވާ މިއޮތީ މިދުވަސްކޮޅު އިންތިހާއަށް ގިނަވެފައެވެ.

ހިއްސާދާރުންގެ މެދުގައި ދެބަސްވުން އުފެދި ނިމްސް އިން މިވަނީ ގިނަ ޝަކުވާތަކެއް ރައީސް ޔާމީނަށްވެސް ހުށަހަޅަފައެވެ.

މައުލޫމާތު ލިބިފައިވާގޮތުން ހޮސްޕިޓަލް ތަރައްޤީކުރުމަށް ނިމްސް އިން ރާއްޖޭގައި ރަޖިސްޓަރީ ކުރި ކުންފުނީގައި ދިވެހި ހިއްސާދާރަކު ހިމެނެއެވެ.އެފަރާތުން ވަނީ ކުންފުނީގެ ހިންގުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައި ކަމަށާއި ، އެކަމާ ގުޅިގެން ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްތަކަށް ގިނަ ދަތިތަކަކާ މިދިޔަ މުއްދަތުގައި ކުރިމަތިވެފައިވާކަމަށް ނިމްސް އިން ވަނީ ހާމަކޮށްފައެވެ.

މިގޮތުން ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނިމްސް އިން ހޮސްޕިޓަލަށް ގެނެސްފައިވާ ސީޓީ ސްކޭން މެޝިނާއި އެކޯ ސައުންޑް މެޝިންގެ ކަސްޓަމްސް ކްލިއަރެންސަށް ދިވެހި ހިއްސާދާރު ވަރަށް ބޮޑަށް ހުރަސްއަޅާފައިވާ ކަމަށް ނިމްސް އިން ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން އެ މެޝިނަރީސްތައް ކަސްޓަމުން ނުނެރެވި ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ ސްކޭން އަދި އެކޯ ސައުންޑް ހިދުމަތް މިހާތަނަށް ނުފެށިވާކަން ނިމްސް އިން ފާހަގަކުރެއެވެ.

ކުންފުނީގެ ދިވެހި ހިއްސާދާރުގެ ފަރާތުން ދިމާވެފައިވާ އިތުރު ފިއްތުންތައް ފާހަގަކޮށް ނިމްސް އިން ބުނެފައިވަނީ ހޮސްޕިޓަލަށް ގެނައުމަށް ބޭނުންވާ ޑޮކްޓަރުންގެ ވިސާ ހަމަޖެއްސުމަށް ދިވެހި ހިއްސާދާރާ ޑޮކްޓަރުންގެ ސެޓްފިކެޓް ތަކުގެ އޮރިޖިނަލް އަދި ބައެއް މުވައްޒަފުންގެ ޕާސްޕޯޓު ހަވާލުކުރުމުން އެކަންނުކޮށް ޕާސްޕޯޓް ހިފަހައްޓައި ، ނިމްސް ގެ ފަރާތުން ތަކުރާރުކޮށް އެދުމުންވެސް މިހާތަނަށް ހަވާލުކޮށްފައި ނުވާކަމަށެވެ.

މިކަމުގެ ސަބަބުން ހޮސްޕިޓަލަށް ގެނައުމަށް މަސައްކަތްކުރި ބައެއް ޑޮކްޓަރުންނާއި ، ޓެކްނީޝަނުން މިހާތަނަށްވެސް ގެނެވޭގޮތްވެފައި ނުވާކަމަށް ނިމްސް އިންވަނީ ބުނެފައެވެ. އަދި ޑޮކްޓަރުންގެ ސެޓްފިކެޓްތަކާ ބައެއް ޕާސްޕޯޓް ނުދީގެންއުޅޭ މައްސަލަ ތަހުގީގުކޮށްދިނުމަށްއެދި މިހާރު ފުލުހުންނަށް ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާކަމަށް ނިމްސް އިން މައުލުމާތު ދީފައިވެއެވެ.

ނަމަވެސް ދިވެހި ހިއްސާދާރުގެ ފަރާތުން ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށްފަހު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ނިމްސް އިން ވަނި ދީފައެވެ. މިގޮތުން ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ހޮސްޕިޓަލާ ރަސްމީކޮށް ހަވާލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ނިމްސް އިން ވަނީ ބުނެފައެވެ.

ކޮންމެއަކަސް އަތޮޅުތެރޭގައި މިސަރުކާރުން ފަށާފައިވާ އެންމެ ބިޔަ އެއް މަޝްރޫޢު ހިންގުމަށް ގިނަ ދަތިތަކެއް އޮތްކަން މިއޮތީ ފެންމަތިވެފައެވެ. މިއީ އަތޮޅުތެރޭގައި ހިންގާ މިފަދަ މަޝްރޫޢުތަކަށް އާންމުކޮށް ވާގޮތެވެ. ކޮންމެވެސް މިޒާތުގެ ސަބަބެއް މެދުވެރިވެގެން ކުރިއަށްދާތަން ނުފެނެއެވެ. މިފަހަރު ދިވެހި ހިއްސާދާރެވެ. އެހެންފަހަރު ތަކުގައި އެހެން ސަބަބުތަކެވެ.