އެއާ އޭޝިޔާގެ ދަތުރުތައް މެލޭޝިޔާގެ ކުއަލަލަމްޕޫރާއި މާލެއާ ދެމެދު ކުރާ އަދަދު ހަފްތާއަކު 11 ދަތުރަށް އިތުރުކުރަން އެ އެއާލައިނުން ނިންމައިފިއެވެ.
އެއާ އޭޝިޔާއިން ބުނެފައިވަނީ ރާއްޖެ ދަތުރުތަކުގެ ޑިމާންޑު ބޮޑު ތަނުން އިތުރުވުމާއި ގުޅިގެން އެއާލައިނުން ވަނީ މިހާރު އެކްސްގެ އެއާބަސް އޭ 300-330 މަރުކާގެ މަތިންދާބޯޓަކާއެކު އިތުރު ހަތަރު ފްލައިޓުން ރާއްޖެއަށް ދަތުރު ފެށުމަށް ކަމަށެވެ. އޭގެ ސަބަބުން ރާއްޖެއާ މެލޭޝިޔާއާ ދެމެދު ކުރާ ދަތުރުތައް ހަފްތާއަކު 11 ދަތުރަށް އިތުރުވެގެންދާނެ ކަމަށް އެއާލައިނުން ބުނެފައިވެއެވެ.
ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޑިމާންޑު ބޮޑުވެ އެއާ އޭޝިޔާއިން މިހާރު ވަނީ ޚާއްސަ ފެއާއެއްވެސް ފަށާފައެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކޮޅަކަށް 199 ރިންގިޓް (767ރ.) އަށް ދަތުރުގެ އަގުތައް ވަނީ ހަދާފައެވެ. އަދި މިމަހުގެ 14ގެ ކުރިން ގަންނަ ޓިކެޓަށް މެއި ހަވަނަ ދުވަހުގެ ކުރިން ދަތުރުކުރަން ޖެހޭނެއެވެ.
ރާއްޖެއަށް އެއާ އޭޝިޔާގެ ދަތުރުތައް ފެށުމާއެކު ޑިމާންޑު ވަނީ ވަރަށް ބޮޑުވެފައެވެ. ޗުއްޓީ ހޭދަކޮށްލުމަށް މެލޭޝިޔާއަށް ދާ ދިވެހިންގެ އަދަދު ފަހަކަށް އައިސް އިތުރުވަމުންދާ ކަން ފާހަގަކޮށްލެވެއެވެ.