Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މައްސަލަ ހައްލު ކުރަން 10 ދުވަސް

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ސަރުކާރުން ހަވާލު ކުރި އިންޑިއާގެ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓާއި ރާއްޖޭގެ ޕާޓްނަރާއި ދެމެދު އުފެދިފައިވާ މައްސަލަ ހައްލު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ހެލްތު މިނިސްޓްރީން ދީފި އެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގަމުން އަންނަ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓް އާއި ރާއްޖޭގެ ހިއްސާދާރާއި ދެމެދު މައްސަލަ އުފެދުމާއި ގުޅިގެން ހޮސްޕިޓަލް ހިންގުން ވަގުތީ ހެލްތު މިނިސްޓްރީން ވަނީ ހަވާލުވެފައެވެ.

މި މައްސަލަތައް ބޮޑުވެފައިވަނިކޮށް މިއަދު ހެލްތު މިނިސްޓްރީން ބޭއްވި ނޫސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ހިއްސާ ދާރުންގެ މައްސަލަ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ހައްލު ނުވެއްޖެނަމަ އެގްރިމެންޓް ބާޠިލް ކުރާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލް ހިންގުމަށް މައްސަލަ ދިމާވުމާއި ގުޅިގެން މުޅި އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލާއި މިނިސްޓްރީން ހަވާލުވެ މިހާތަނަށް ހޮސްޕިޓަލަށް އަށް މެޑިކަލް އޮފިސަރުންނާއި 15 ސްޕެޝަލިސްޓުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ލެބޯޓަރީގެ ކެމިކަލް ހުސްވުމާއި ގުޅިގެން މެދު ކެޑިފައިވާ ހިދްމަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލާއި ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުން ނައްތާލުމަށް މިނިސްޓަރ ވަނީ އެދިލައްވާފައެވެ.