ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ވެރިކަން ނުލިބޭނެ ފޯމިއުލާއެއް އެ މަނިކުފާން ގަބޫލް ނުކުރައްވާނެކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ ވިލުފުށީ ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރިޔަސީ އިންތިހާބްގައި އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކާއި މެދު މަޝްވަރާ ކުރަމުން ދަނިކޮށް ނަޝީދު އެމްޑީޕީގެ ގައުމީ މަޖްލިސްއަށް ފޮނުއްވި މަޝްވަރާގެ ވާހަކައިގެ އަޑުގަދަވެފައިވަނިކޮށް ރިޔާޒު ރަޝީދު ވިދާޅުވީ އިއްތިހާދެއް ވިޔަސް އެމްއޮޔޫއަކަށްވިއަސް އަދި ކޯލީޝަނެއް ހެދިއަސް ނަޝީދަށް ވެރިކަން ނުލިބޭނެ ފޯމިއުލާއެއް އެމަނިކުފާން ގަބޫލް ނުކުރައްވާނެކަމަށެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ ގާޒީ ހައްޔަރު ކުރެއްވި މައްސަލާގައި ޓެރަރިޒަމް ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ހުލުމްކޮށްފައިވާ މުހައްމަދު ނަޝީދު ވަނީ އެމަނިކުފާން ގަބޫލް ކުރައްވާ ހަތަރު ހުށަހެޅުމެއް އެމްޑީޕީގެ ގައުމީ މަޖްލިސްއަށް މަޝްވަރާއަށް ފޮނުއްވާފައެވެ. އެ ހުށަހެޅުއްވުމުގައި އިއްތިހާދުގެ ފަރާތުން އިންތިހާބްގައި ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް ނިކުމެ ވަޑައިގަންނަވާއިރު ރަނިން މޭޓަކަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ހަމަޖެއްސެވުމަށް ވަނީ ލަފާ އަރުއްވާފައެވެ.
ނަޝީދުގެ އިތުރުން ގާސިމްއަށްވެސް ވަނީ ރިޝްވަތު ހުށަހެޅުއްވި ކަމުގެ ކުށް ސާބިތުވެ 3 އަހަރަށް ޖަލަށް ހުކުމް ކޮށްފައެވެ.