ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާގެ މަގާމު އެކި ފަހަރު މަތިން ހޯދާފައިވާ ޖެމެއިކާގެ އުސެއިން ބޮލްޓް ފުޓުބޯޅަ ކެރިއަރެއް ފެށުމަށް ޖަރުމަނު ވިލާތުގެ ބޮރޫޝިޔާ ޑޯޓްމަންޑާ އެކު ޓްރެއިން ކުރަން ހަމަޖެހިއްޖެ އެވެ.
ބުންޑެސްލީގާ އޮފިޝަލް ވެބްސައިޓުން ބުނީ ބޮލްޓްގެ ޓްރަޔަލް އަންނަ މާޗު މަހު ޑޯޓްމަންޑާ އެކު ފަށާނެ ކަމަށެވެ. އުމުރުން 31 އަހަރުގެ ބޮލްޓު އޭނާގެ ދުވުމުގެ ކެރިއަރު ނިންމާލާފައިވާ އިރު ފުޓުބޯޅަ ކުޅެން ޝައުގުވެރިވާކަން މީގެ ކުރިންވެސް ވަނީ ހާމަކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ސަޕޯޓް ކުރާ ބޮލްޓް ވަނީ އޭނާ ކުޅެން ބޭނުން ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކަމަށް ވެސް ބުނެފަ
އެވެ. ނަމަވެސް ޔުނައިޓެޑާ ގުޅުމަށް ވުރެ، ކެރިއަރު ފެށުމަށް އޭނާ އަށް ރަނގަޅު ކަމަށް ވިސްނުނީ ޑޯޓްމަންޑެވެ.
ބޯލްޓު ބުނެފައި ވަނީ ޑޯޓްމަންޑުން އޭނާއަށް ޓްރެއިނިންގައި ބައިވެރިވުމަށް ފުރުސަތު ދީފައި ކަމަށެވެ. އެހެންކަމުން ޓީމާ އެކު ޓްރެއިން ކުރުމަށް ފަހު ކޯޗަށް އޭނާގެ ކުޅުމާ މެދު ހިތްހަމަޖެހިއްޖެ ނަމަ ބޮލްޓަށް ފުޓުބޯޅަ އިން ފުރުސަތެއް ލިބިގެން ދާނެ އެވެ.