ސަރުކާރުގެ އެއްވެސް އިޚުލާސްތެރިކަމެއް ހުރި ނަމަ ޖެނުއަރީ މަހުން ފެށިގެން ސިވިލް ސާވިސްގެ މުވައްޒިފުންގެ މުސާރަ ބޮޑުކޮށްދިނުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ގޮވާލައިފިއެވެ.
ރިޔާޒް ކުރި ޓުވީޓެއްގައި ވަނީ ބެޖެޓުގައި ފާސްކޮށްފައި ހުންނަ ކަންތައް ކުރާނެ ގޮތާ މެދު މަޝްވަރާ ކުރުމުގައި އަހަރު ދެބައިވަންދެން ތިބުމުގެ ބަދަލުގައި މިމަހުން ފެށިގެން މުވައްޒިފުންގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލާފައިވެއެވެ.
"އިޚުލާސްތެރިކަމާ އެކު ކުރާ ކަމެއް ނަމަ ޖެނުއަރީ މަހުން ފެށިގެން ސިވިލް ސާވިސް މުވައްޒިފުންގެ މުސާރަ ބޮޑު ކުރަންވާނެ، ބެޖެޓުގައި ފާސްކޮށްފައި ހުންނަ ކަންކަން ކުރާނެ ގޮތެއްގެ މަޝްވަރާގައި އަހަރު ދެބައިވާން ނުތިބެ ސިވިލް ސާވިސް މުވައްޒިފުންގެ ހައްގު ދިނުމަށް ގޮވާލަން!"
ވަރަށް އަވަހަށް ސިވިލް ސާވިސްގެ މުވައްޒިފުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވި ނަމަވެސް އަދި ވަކި ތާރީޚެއް އިއުލާން ކޮށްފައެއް ނުވެއެވެ. އެންމެ ފަހަކަށް އެކަމާ ގުޅޭ ގޮތުން ހާމަކޮށްފައިވަނީ މުސާރަ ބޮޑުކުރުމަށް މަޝްވަރާ ކުރަމުން ދާ ކަމަށެވެ.