ރިޕޯޓް

މުޖުތަމައު ތެރެއިން: މިކަން ހައްލު ކުރާނީ މީހަކު ކަރަންޓްގައި ޖެހުނީމަތަ؟

ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވަނީ އައްޑޫ ސިޓީ ހުޅުމީދޫ މައި ބަނދަރު ސަރަހައްދުގައި ސަދަން ޓްރާންސްޕޯޓް ލިންކް(އެސްޓީއެލް) އިން ހިންގާ ޓަކް ޝޮޕަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނުން އަޅާފައިވާ ކަރަންޓު ކޭބަލެކެވެ.

ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަތުރު ކުރާ ފެރީ ޓާމިނަލް ސަރަހައްދުގެ އިތުރުން އެތައް ބަޔަކު ހަވީރު ފިންޏަށް ގޮސް ހަދާ ދިމާލެއްގައި އަޅާފައިވާ މި ކަރަންޓު ކޭބަލްގެ ތޮށިގަނޑު ދެ ތަނަކުން ހަލާކުވެފައިވާއިރު އޭގެ ސަބަބުން މީހަކު ކަރަންޓުގައި ޖެހުން ފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމަކެވެ. ސޯޝަލް މީޑިޔާގައި މި ފޮޓޯތައް ހިއްސާކުރި މީދޫ ޒުވާނާގެ ކަންބޮޑުވުމަކީ އެއީއެވެ.

އެ ކަންބޮޑުވުންތަކާއި އެކު ފެނަކަ ކޯޕަރޭޝަނަށް އޭނާ ވަނީ 2 ސުވާލު ކުރިމަތިކޮށްފައެވެ.

"މިއީ ފެނަކައިގެ ސްޓޭންޑާންޑް ބާ؟ ހައްލުކުރާނީ މީހަކު ކަރަންޓުގައި ޖެހުމުންތަ؟"

މިއީ ފެނަކަ ކޯޕަރޭޝަނުގެ ސްޓޭންޑާޑް ކަމުގައި ނުވެދާނެއެވެ. ކޮންމެވެސް ހިސާބަކުން މިއޮތީ ޒިންމާ އަދާ ނުކުރެވިފައެވެ. އެހެން ކަމުން މިކަން ހައްލުކުރުމަކީ އެންމެންގެ ރައްކާތެރިކަމަށް ޓަކައި ވީހާވެސް އަވަހަށް ކުރަން ޖެހިފައިވާ ކަމެކެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.