Last Updated: June 28, 13:41
Sunday, June 28, 2026
މުނިފޫހިފިލުވުން

ބަފްޓާ 2018 ގެ ހޯސްޓަކަށް ޖޮއާނާ ލަމްލީ

އަންނަ މަހު ބާއްވާ 71 ވަނަ ބްރިޓިޝް އެކެޑެމީ ފިލްމް އެވޯޑްސް (ބަފްޓާ) ގެ ހޯސްޓަކޮށް މަޝްހޫރު ބަތަލާ އަދި މޮޑެލް ޖޮއާނާ ލަމްލީ ހަމަޖައްސައިފި އެވެ.

މި އަހަރުގެ އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ލަންޑަންގެ ރޯޔަލް އެލްބާޓް ހޯލްގައި އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންގާރަ ދުވަހު ބެފްޓާ ފިލްމް އެވޯޑްސްގެ ހޯސްޓަކަށް މި ފަހަރު ލަމްލީ ހަމަޖައްސާފައިވާކަން އިއުލާންކޮށްފައި ވަނީ މީގެ ކުރިން 12 ފަހަރެއްގެ މަތިން މި އެވޯޑް ހަފްލާ ހޯސްޓްކޮށްދީފައިވާ ކޮމީޑިއަން ސްޓީފެން ފްރައި އިސްތިއުފާ ދިނުމުންނެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ފިލްމް "އެބްސޮލިއުޓްލީ ފެބިއުލަސް: ދަ މޫވީ" އިން ފެނިގެން ދިޔަ ލަމްލީގެ އެހެން ފިލްމެއް ކަމުގައިވާ "ޕެޑިންގްޓަން 2" ވަނީ ދެ ބެފްޓާ އެވޯޑަކަށް ނޯމިނޭޓް ވެސް ވެފަ އެވެ.

ފްރައި ބުނި ގޮތުގައި ބެފްޓާ އެވޯޑްސްގެ ހޯސްޓް ކަމުން ދުރުވުމަށް އޭނާ ނިންމާފައި ވަނީ އިތުރު އުސްމިންތަކަކަށާއި އިތުރު ފާގަތިކަމަށް ބެފްޓާ ވާސިލްކޮށް ދިނުމުގެ ފުރުސަތު އެހެން މީހުންނަށް ދިނުމަށްޓަކައި ކަމަށެވެ.