ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ދިރިއުޅުއްވަމުން ގެންދަވާ އެންދެރިމާގެ ސެކިއުރިޓީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން ވަރުގަދަ ކޮށްފައިވަނީ ސެކިއުރިޓީ ފޯރުކޮށްދޭން އޮންނަ އުސޫލުން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން މިހެން ބުނެފައިވި ނަމަވެސް މިދިޔަ ހޯމަ ދުވަހުން ފެށިގެން އެމްއެންޑީއެފްގެ ސިފައިން ވަނީ އެންދެރިމާގެ ކައިރީގައި ފޯރިމަރަން ފަށާފައެވެ. އަބަދުވެސް ދެ އޮފިސަރަކު ގޭގެ ސެކިއުރިޓީ ބަލަހައްޓަން މިހާރު ތިބޭއިރު ގެއަށް ވަންނަ މީހުންގެ ނަންވެސް ނޯޓުކުރަން ސިފައިން ވަނީ ފަށާފައެވެ.
މިކަމާ ގުޅިގެން މައުމޫން ވަނީ އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ޚަބަރު ލިބިފައިވާނަމަ އޭގެ ތަފްސީލު ހިއްސާ ކުރުމަށް އެދިވަޑައިގެންފައެވެ.
ނަމަވެސް މިހާތަނަށް އޭގެ އެއްވެސް ތަފްސީލެއް މީޑިޔާއަށް ހާމަކޮށްފައިނުވާއިރު މިއަދު އެމްއެންޑީއެފުން ފޮނުވި ޖަވާބުން ގިނަ ބަޔަކު ވަނީ ހައިރާންވެ، އިތުރު ސުވާލުތަކެއް އުފައްދާފައެވެ.