ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އިންޑިޔާއަށް ވަޑައިގެންފިއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެގައުމުގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ މިދަތުރުފުޅުގައި މިނިސްޓަރު އާސިމް އިންޑިޔާއަށް ވަޑައިގެންފައިވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ޗައިނާއާ ރާއްޖެއާ ދެމެދު ގާއިމުކުރެވުނު ފްރީ ޓްރޭޑު އެގްރީމަންޓާއެކު ރާއްޖެއާ އިންޑިޔާއާ ދެމެދު އޮތް ދުވަސްވީ ގުޅުމަށް ބުރޫ އަރާފައިވާ ކަމަށް އިންޑިޔާގެ ބައެއް ފަރާތްތަކުން ބުނެފައިވި ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. ރައީސް އަބްދުﷲ ޔާމީން ވަނީ އިންޑިޔާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަކަށް އެއްވެސް ކަހަލަ ބުރުލެއް އަރާފައިނުވާ ކަމަށާއި ރާއްޖެއާ އިންޑިޔާއާ ދެމެދުގައިވެސް އެފްޓީއޭއެއްގައި ސޮއި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އިންޑިޔާއިން ވެސް ވަނީ ރާއްޖެއަކީ އިންޑިޔާގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށާއި އެގުޅުމަށް ބުރުލެއް އަރާ ތަން ދެކެން ބޭނުން ނުވާ ކަމަށް ބުނެފައެވެ.