ސްރީ ލަންކާގައި އަންހެނުންނަށް ބަނގުރާ ވިއްކުން މަނާ ކުރާ ގާނޫނަށް ބަދަލު ގެނެސް، އަންހެނުންނަށް ރާ ވިއްކުމާއި ބުއިން ހުއްދަ ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ލަންކާ ސަރުކާރުން މިނިންމުން ނިންމާފައިވަނީ މިއީ ފިރިހެނުންނާ އަންހެނުންނާ ދެމެދު ތަފާތުކުރެވޭ ނިޒާމެއް ކަމަށް ބުނެއެވެ. ލަންކާގައި އަންހެނުންނަށް ރާ ވިއްކުން މަނާ ކުރީ 1955 ވަނަ އަހަރު ފާސްކުރި ގާނޫނަކުންނެވެ.
ގާނޫނަށް ބަދަލު ގެނައުމަށް ފަހު އުމުރުން 18 އަހަރު ފުރިފައިވާ ލަންކާ ކޮންމެ އަންހެނަކަށް ބަނގުރާ ގަތުމާއި ބުއިން ހުއްދަ ކުރެވިގެންދާނެއެވެ. މީގެ ކުރިން އަންހެނުން ރާ ބޯން ބޭނުންވާ ނަމަ އެގައުމުގެ އެކްސައިސް ކޮމިޝަނަރުގެ ކިބައިން ހާއްސަ ހުއްދައެއް ނަގަން ޖެހެއެވެ. އަދި ހުއްދަ ނެގުމުންވެސް ރާ ބޮވޭނީ ރާ ވިއްކުން ހުއްދަ ތަންތަނުގައި އެކަންޏެވެ.
ލަންކާގެ ގިނަ އަންހެނުންނަކީ އެގައުމުގެ ސަގާފަތާއި ނުގުޅޭ އެއްޗަކަށް ވުމާއެކު ބަނގުރަލާއި އަމިއްލައަށް ދުރުވެގަނެގެން ދިރިއުޅޭ ބަޔެކެވެ. މިގާނޫނުގެ ސަބަބުން ގިނަ އަންހެނުން ރާ ބޯން ބޭނުން ނުވާ ކަމަށްވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ގާނޫނު ބަދަލުވުމާއެކު ރަލާއި މަސްތުވާތަކެއްޗަށް ދެވި ހިފާ އަންހެނުން އިތުރުވެގެން ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.