ހުޅުމީދޫގައި ފަށާ މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފައުންޑޭޝަން ކޯހާ ބެހޭ މައުލޫމާތު ސެޝަނެއް ބޭއްވުމަށް އެ އިންސްޓިޓިއުޓްއިން ނިންމައިފި އެވެ.
އެ އިންސްޓިޓިއުޓުން މިއަދު ނެރުނު އިއްލާނެއްގައި ބުނެފައި ވަނީ 2012 ވަނަ އަހަރު އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން 2013 ވަނަ އަހަރު ލޯކޮލެޖްގެ ފައުންޑޭޝަން ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ މައުލޫމާތު ސެޝަނެއް އެޕްރީލް 3 ވަނަދު ވަހުގެ ރޭ 8:30 ގައި ވިލާކޮލެޖްގައި ބައްވާނެ ކަމަށެވެ.
މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފައުންޑަރު އަލްއުސްތާޒު ހުސްނުއް ސޫއޫދު ވިދާޅުވީ އެޕްރީލް 3 ވަނަ ދުވަހުގެ ރޭ ބާއްވާ މައުލޫމާތު ސެޝަނަކީ މާލޭގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން އައްޑޫއަށް ގޮސް ކޮލެޖްގެ ކޯހުގައި ބައިވެރިވާން ޝައުގު ހުރި ފަރާތަކަށް ބާއްވާ މައުލޫމާތު ސެޝަނެއް ކަމަށެވެ.
"އަޅުގަނނޑުމެން މި ފަށައި ގަތީ މާލެއިން، މާލޭގެ ސެޝަންއަށް ފަހު ވަރަށް އަވަހަށް އައްޑޫގައި މީގެ މައުލޫމާތު ސެޝަނެއް ބާއްވާނެ." ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ މި މަހުގެ ތެރޭގައި ފޯމް ދޫކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. އަދި ކޯސް އަންނަ މެއި މަހު ފެށޭނެކަމަށް ސުއޫދު ވިދާޅުވި އެވެ.
އެސްޓީއޯ އިން ހުޅުމީދޫގައި އިމާރާތް ކުރި 4 ބުރީގެ އިމާރާތުގައި ފަށާ މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ކޯސްތައް ހިންގާނީ ވިލާ ކޮލެޖުންނެވެ.