Last Updated: June 15, 13:51
Monday, June 15, 2026
ޚަބަރު

ޔާމީނާ އެކު ހުރީ މަޖުބޫރުކޮށްގެނެއް ނޫން: ޣައްސާން

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން: ފޮޓޯ - އަވަސް

ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ނިންމެވުމާ ދެކޮޅަށް، ބޮޑުބޭބެ އަދި ރައީސް އަބްދުﷲ ޔާމީނާ އެކު ހުންނަވަނީ އެއްވެސް މީހެއްގެ މަޖުބޫރުކަމެއް ނެތި ކަމަށް ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ދެއްވި ނަސޭހަތެއް ގަބޫލު ނުކުރުމާއި ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވި ކަމަށް ބުނެ މައުމޫން، ޔާމީނަށް ކުރަމުން އައި ތާއީދު އަނބުރާ ނަންގަވައި އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ފަށާފައިވި ނަމަވެސް ދުންޔާ އަދި ޣައްސާން ވީ ރައީސް ޔާމީން ފަޅީގައެވެ.

ފާރިސް ޖަލުގައި އޮންނެވި އިރު ޔުމްނާވެސް އިދިކޮޅު ފަރާތްތަކާ އެކު ވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ފައްޓަވާފައެވެ. އަދި ކޮއްކޯފުޅު ފާރިސް މިނިވަން ކުރެއްވުމަށް ކުރާ މަސައްކަތުގައި ޔުމްނާގެ ބައިވެރިވުން އިންތިހާއަށް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޣައްސާން ވިދާޅުވެފައިވަނީ އޭނާއަށް ދަސްކޮށްދެވިފައިވަނީ އަމިއްލައަށް ގޮތް ނިންމުމުގެ އުސޫލު ކަމަށާއި ރައީސް ޔާމީނާއެކު ހުންނަން ގަސްދުކުރެއްވި އެއުސޫލުގެ ދަށުން ކަމަށެވެ.

ރައީސް އޮފީހުގެ ސްޓޭޓު މިނިސްޓަރުގެ މަގާމުގައި މިވަގުތު ހުންނެވި ޣައްސާން ވިދާޅުވެފައިވަނީ އޭނާގެ ސިޔާސީ ފިކުރެއްގެ ސަބަބުން އާއިލީ ގުޅުމަށް އެއްވެސް ކަހަލަ ބުރުލެއް ނާރާނެ ކަމަށެވެ. އަދި އެ ގުޅުމަކީ ވަރަށް ބަދަހި ގުޅުމެއް ކަމަށް ރައީސް މައުމޫންގެ ހަނގު ދަރި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫނާއެކު ފާރިސްއަށް ޒިޔާރަތް ކުރަން މާފުށި ޖަލަށް ޔުމްނާ ވަނީ އެކި ފަހަރު މަތިން ވަޑައިގެންފައެވެ. އަދި ދުންޔާވެސް މަދު ފަހަރަކު ކޮއްކޯފުޅަށް ޒިޔާރަތް ކުރުމަށް މާފުށި ޖަލަށް ވަޑައިގެންފައިވެއެވެ. ނަމަވެސް ޣައްސާން، ފާރިސް ޖަލުގައި އޮންނަވަނިކޮށް ޒިޔާރަތް ކުރި ކަމެއް އެނގިފައެއް ނުވެއެވެ.