ޚަބަރު

ޔާމީން ބަލި ކުރެވޭނީ ނަޝީދަށް އެކަނި: ޝާހިދު

މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީން ކުރި ސުވާލަކަށް ޖަވާބު ދެމުން ޝާހިދު ވިދާޅުވެފައިވަނީ މިވަގުތު ރާއްޖެއިން ނެރެވެން ހުރި އެންމެ މޮޅު ކެންޑިޑޭޓަކީ ނަޝީދު ކަމަށެވެ. އަދި އެމްޑީޕީގެ ހުރިހާ މެމްބަރުންގެވެސް އެދުމަކީ ރައީސް ނަޝީދަށް ވާދަކުރެވޭ ގޮތް ވުން ކަމަށް ޝާހިދު އިތުރުކޮށްފައިވެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާއެކު ޝާހިދު ވާދަކުރަން އުޅޭ ކަމުގެ އަޑު ފެތުރިފައިވަނިކޮށެވެ. ނަމަވެސް ޝާހިދު ވަނީ އެވާހަކަތައް ޓުވިޓާ މެދުވެރިކޮށް ދޮގުކޮށްފައެވެ.

ޝާހިދު ވަނީ ރައީސް ނަޝީދާއެކު ސާބިތުކަމާއެކު ހުންނާނެ ކަމަށާއި އޭނާ ޕްރައިމަރީގައި ވާދަކުރަން އުޅޭ ކަމަށް ބުނެ ފެތުރޭ އަޑުތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ.

އަދި ރޭގައިވެސް ޝާހިދު ވަނީ އެވާހަކަ ތަކުރާރުކޮށް ރައީސް ނަޝީދާއެކު އެއްވެސް ޕްރައިމަރީއެއްގައި ވާދަކުރުމަށް ނުވިސްނާ ކަމަށްވެސް ވިދާޅުވެފައެވެ.

ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާ ކުރަން ފަށައިފިއެވެ. އެނގިފައިވާ ގޮތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބޭނުންވަނީ އެމްޑީޕީގެ ރައީސް ނަޝީދަށް ރައީސް ކަމަށް ވާދަކުރުމަށް ފުރުސަތުދީ، އެމަނިކުފާނު ރަނިންމޭޓުގެ ގޮތުގައި ކުރިއަށް ދިއުމަށެވެ.

ނަމަވެސް މިކަމާ ގުޅިގެން އެމްޔޫއޯގެ މަޝްވަރާ ކޮމިޓީން ރަސްމީ ގޮތެއްގައި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ކޮމިޓީން މިހާތަނަށް ބުނެފައިވަނީ ހަތަރު ޕާޓީ ދެމެދުގައި އެއްބަސް ނުވެވޭނެ ކަމެއް ނެތް ކަމަށެވެ.