ޚަބަރު

ގާނޫނުލް އުގޫބާތަށް ބަދަލުތަކެއް ގެންނަނީ

އާ ގާނޫނުލް އުގޫބާތަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމައި، އިސްލާހުތަކެއް ހުށައަޅައިފި އެވެ.

ޖުލައި 2015 އިން ފެށިގެން އަމަލު ކުރަން ފެށި އާ ގާނޫނުލް އުގޫބާތަށް ބަދަލު ގެނައުމަށް ދެ ބިލެއް މަޖިލިސް ފެށުމުން ހުށައަޅާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ.

ރޭ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން އަނިލް ވިދާޅުވެފައިވަނީ އެއް އިސްލާހަކަށް ދައުލަތަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ޗެޕްޓަރު އެކުލަވާލުމަށް ހުށައަޅާނެ ކަމަށެވެ. އޭގައި ދައުލަތަށް ޚިޔާނާތްތެރިވުމާއި، ބަޣާވާތް ކުރުން ހިމެނޭނެ ކަމަށް އަނިލް ވިދާޅުވެފައިވެއެވެ.

އަދި މިހާރު ގާނޫނުލް އުގޫބާތުގައި ނުހިމެނޭ ކުށްތައް ހިމަނާނެ ކަމަށާއި އޭގެ ތެރޭގައި ކޮރަޕްޝަނުގެ ވަރަށް ގިނަ އަމަލުތައް ހިމެނޭނެ ކަމަށްވެސް ބަންޑާރަ ނައިބު އަނިލް ވިދާޅުވެފައިވެއެވެ. ރިޝްވަތު ދީގެން ހިންގާ އަމަލުތަކާއި ރިޝްވަތުގައި ހިފުމުގެ ކުށްތައް ސަރީހަކޮށް ހިމަނާނެ ކަމަށްވެސް އަނިލް ވިދާޅުވިއެވެ.

ކޮރަޕްޝަނުގެ މައްސަލަތަކުގައި މިހާރު ބޭނުންކުރާ 2000 ވަނަ އަހަރު އަމަލު ކުރަން ފެށި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު މިޒަމާނަށް ނުފެތޭ ކަމަށާއި ކޮރަޕްޝަނާ ގުޅޭ އެކިއެކި ކުށްތަށް ހިމެނޭ ގާނޫނެއް މިއަދު މުހިންމުކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބަންޑާރަ ނައިބަށް ލަފާ އަރުވާފައެވެ.