އިނގިރޭސި ވިލާތުގެ އާސެނަލް އަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް، އެލެކްސިސް ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް ގެންނަން މަސައްކަތް ކުރާ ކަމުގެ އަޑު އިނގިރޭސި މީޑިޔާ ތަކުގައި ފެތުރެން ފަށައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ ވަނީ ފާއިތުވެދިޔަ ގަޑިއިރުތަކުގެ ތެރޭގައި އާސެނަލްގެ ކޯޗު ވެންގާއަށް ފޯނުން ގުޅައި، އަގަކާއި ކުޅުންތެރިޔަކާއެކު ސަންޗޭޒް ޔުނައިޓެޑަށް ގެނައުމާއި މެދުގައި ވާހަކަ ދައްކާފައެވެ.
އަދި ޔުނައިޓެޑުގެ އޮފިޝަލުން ސަންޗޭޒްގެ އޭޖެންޓާއިވެސް މުއާމަލާތު ކޮށްފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ. މިވަގުތު ސިޓީއިން ސަންޗޭޒް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އިރު ޔުނައިޓެޑުން ސަންޗޭޒް ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ވެންގާ އަދިވެސް ބޭނުންވަނީ ސަންޗޭޒް ސީޒަން ނިމެންދެން ކުލަބުގައި މަޑުކުރުމަށެވެ.
އެނގިފައިވާ ގޮތުގައި ސަންޗޭޒް ވަނީ ސިޓީއާއެކު އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް އެއްވެސް ކަމެއް ރަސްމީ ކޮށްފައި ނުވި ނަމަވެސް ސިޓީން ވަނީ ސަންޗޭޒަށް ހަފްތާއަކު 250،000 ޕައުންޑުގެ މުސާރައެއް ހުށައަޅާފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޔުނައިޓެޑުން އާސެނަލްއަށް ހުށައަޅާފައިވަނީ މިޑްފީލްޑަރު ހެންރިކް މިޚިތަރިޔާންއެވެ.