ޚަބަރު

95،000 އެމްއާރްއައި ހިސާބު ސައްހައެއް ނޫން: އައިޖީއެމްއެޗް

އިއްޔެ ހެލްތު މިނިސްޓްރީން އިއުލާންކުރި ތަފާސް ހިސާބުތަކުގެ ތެރެއިން އައިޖީއެމް ހޮސްޕިޓަލުގައި ގާއިމްކުރި އެމްއާރްއައި މެޝިނުން ދެ އަހަރު ތެރޭ 95،855 މީހުން ޚިދުމަތް ހޯދިކަމަށް ބުނެ ނެރުނު ތަފާސް ހިސާބު ސައްހައެއް ނޫން ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗުގެ އޮފިޝަލަކާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިނިސްޓްރީއަށް އެ އަދަދު ފޮނުވިފައިވަނީ އޮޅިގެން ކަމަށް ބެލެވޭ ކަމަށެވެ. އާންމުކޮށް އެ ހޮސްޕިޓަލުން ދުވާލަކު ހަދަނީ 25-20 ދެމެދުގެ ޓެސްޓު ކަމަށްވެސް އޮފިޝަލް ހާމަކޮށްފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ސިއްހީ ދާއިރާގައި މުޅިން އާ ސަފުހާއެއް ލިޔެވިފައިވާ ކަމަށް ބުނެ އިއްޔެ ހެލްތް މިނިސްޓަރު ނާޒިމް އާންމުކޮށްދެއްވި ބައެއް ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ އައިޖީއެމްއެޗުން ފާއިތުވެދިޔަ ދެ އަހަރު 95،000 އަށްވުރެ ގިނަ އެމްއާރްއައި ޓެސްޓު ހަދާފައިވާ ކަމަށެވެ.

މިނިސްޓަރުގެ މި ތަފާސް ހިސާބު ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައިވާއިރު ގިނަ ބަޔަކު ވަނީ އެއަށް ހަޖޫ ޖަހާފައެވެ. ބައެއް މީހުން ވަނީ އައިޖީއެމް ހޮސްޕިޓަލުގައި ހުރީ ދުނިޔޭގެ އެންމެ އަވަސް މެޝިނު ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފާޑު ކިޔާފައެވެ.