ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަކަށް ސ. ފޭދޫ ބެލޫން އަލްއުސްތާޒާ މަރިޔަމް ވަހީދު ހަމަޖައްސައިފި އެވެ.
މަރިޔަމް ވަހީދު ހިތަދޫ ކޯޓާ ހަވާލުވެވަޑައިގަންނަ ވާނީ މާދަމާ އިން ފެށިގެންނެވެ.
ކުރިން ކ. ގާފަރު ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި މަރިޔަމް ވަހީދު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލު ކުރުމަށް ޖޭއެސްސީން ނިންމީ މަރިޔަމް ވަޙީދަކީ އަންހެން ބޭފުޅަކަށްވެފައި ބަދަލުވުމަށް އެދިވަޑައިގެންފައިވާތީ ކަމަށެވެ.
އަދި މަރިޔަމް ވަޙީދު ބަދަލު ކުރީ އޭނާގެ ރަށް ހިމެނޭ އަތޮޅަށް ކަމަށްވާތީ އާއި މަރްޔަމް ވަޙީދު މިހާރު ހުންނެވި ގާފަރުގެ އާބާދީ އަށް ވުރެ ބަދަލުވާން އެދިލައްވާފައިވާ ހިތަދޫގެ އާބާދީ ވަރަށް ބޮޑަށް އިތުރުވުމާއި، ވޭތުވެ ދިޔަ 2 އަހަރުގައި (2011 ވަނަ އަހަރާއި 2012 ވަނަ އަހަރު) ގާފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ އަދަދަށް ވުރެ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ އަދަދު އިތުރު ކަމަށް ވާތީ އެވެ.
މަރިޔަމް ވަޙީދު މިހާރު ހުންނެވި ގާފަރު ޖުޑީޝަލް ދާއިރާ އިން ހިތަދު އަށް ބަދަލުވާން އެދިލައްވާފައިވާ ހިތަދޫ ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންގެ ޢަދަދު އެއްވަރު ނަމަވެސް ގާފަރު ޖުޑީޝަލް ދާއިރާ އަށް ވުރެ ހިތަދޫ ޖުޑީޝަލް ދާއިރާ އަށް ގިނަ މެޖިސްޓްރޭޓުން ބޭނުންވާތީ، މަރިޔަމް ވަޙީދު އެދިވަޑައިގެންފައިވާ ގޮތުގެ މަތިން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ބަދަލު ކުރަން ކޮމިޝަނުން ނިންމީ ކަމަށެވެ.
މަރިޔަމް ވަޙީދު ގާފަރު ކޯޓަށް ބަދަލުވުމުގެ ކުރިން ހުންނެވީ އައްޑޫ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރެއްގެ މަގާމު ގަ އެވެ.