ޚަބަރު

މެސީގެ ދެ ލަނޑުން ބާސާ ކުއާޓާ އަށް

ސްޕެނިޝް ކޮޕަ ޑެލްރޭ ގައި ރޭ ބާސެލޯނާ އަދި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-5 އިން ބާސާ ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗުގެ ފުރަތަމަ 15 މިނެޓު ތެރޭ މެސީގެ ދެ ލަނޑު ފެނިގެން ގޮސްފައިވާއިރު ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. ޖޯޑީ އަލްބާ އަދި ލުއިސް ސުއަރޭޒްގެ ގޯލުތަކުން ބާސާއަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެގްރިގޭޓުގެ ގޮތުން 1-5 ގެ ލީޑެއް ވަނީ ލިބިފައެވެ.

މިމެޗުގެ ފުރަތަމަ ލެގުގައި ބާސާ ވަނީ ސެލްޓަ ވީގޯ އަތުން 1-1 އިން އެއްވަރު ވެފައެވެ. ނަމަވެސް އެ މެޗުގައި ބާސާގެ މުހިންމު ކުޅުންތެރިން ބައިވެރިކޮށްފައެއް ނުވެއެވެ.

ބާސާގެ ފަހު ލަނޑު ދެވަނަ ހާފުގެ އެންމެ ފަހު ވަގުތުކޮޅު ތެރޭގައި ޖަހާފައިވަނީ އިވާން ރަކިޓިޗްއެވެ. ކުއާޓާގައި ބާސާގެ އިތުރުން ރެއާލާއި އެތްލެޓިކޯ މެޑްރިޑްވެސް ކުޅޭނެއެވެ. މީގެ އިތުރުން ވެލެންސިއާ، ސެވީއާ، ލެގަނެސް، އަލާވެސް އަދި އެސްޕަނިޔޯލް ވެސް ވަނީ ކުއާޓާއިން ޖާގަ ހޯދާފައެވެ.