ޚަބަރު

"ޖަނަވާރުންވެސް ގެންގުޅެ، ބޮޑުކުރި މީހާ ދަނޭ"

ޖަނަވާރުންވެސް އެއެއްޗެއް ގެންގުޅެ، ބަލާ ބޮޑުކުރި މީހާ ދަންނަ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ޖަނަވާރުންގެ މިސާލުން މިސާލު ޖައްސަވައި ވިދާޅުވެފައިވަނީ ކުއްތާވެސް އެސޮރު ބަލަހައްޓާ މީހާ ސަލާމަތް ކުރުމަށް ފުރާނަ ދުއްވާލާ ކަމަށެވެ. އަދި ރާމާމަކުނުވެސް އެއަށް ހެޔޮކޮށް ހިތި މީހަކު ދަންނަ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.

ނުސީދާ ގޮތުން ގާސިމްގެ ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ރިޝްވަތު ހުށައެޅި ކަމުގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނިކޮށް ސިއްހީ ހާލު ދެރަވެ ސިންގަޕޫރަށް ފުރާ ވަޑައިގަތުމަށް ފަހު މިހާރު ޖަރުމަނު ވިލާތުގައި ހުންނެވި ގާސިމް އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުގެ ރަނިން މޭޓަކަށް ކުރިމަތިލުމަށް ވަނީ ހުށައަޅާފައެވެ.