ޚަބަރު

"ރާއްޖެ އަށް ވައި ވެސް އެޅޭކަށް އިންވެސްޓަރުން ބޭނުމެއް ނުވޭ"

ފޮޓޯ-ސަން

މިސަރުކާރު އޮތްވާ ރާއްޖެއަށް ވައިވެސް އަޅާކަށް ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން ބޭނުން ނުވާ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު ކަމަށް އިންތިޚާބުވި މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ވަކިކުރުމުން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް އިއުލާންކުރި މެމްބަރުންގެ ތެރޭގައި ހިމެނޭ މުސްތަފާއަކީ މިހާރު ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅެވެ.

މައިގަނޑު ގޮތެއްގައި ޓުވިޓާ މެދުވެރިކޮށް މުސްތަފާގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒު ވަމުން އަންނަ އިރު މިއަދު އޭނާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެސްއީޒެޑް ބިލަށް ދިޔަ ޚަރަދުވެސް ނުލިބުނު ކަމަށާއި މިހާރު ބޭރުގެ އިންވެސްޓަރުންގެ ތެރެއިން ރާއްޖޭގައި އިންވެސްޓު ކުރާނެ ބަޔަކު ނެތް ކަމަށެވެ.

މުސްތަފާ މިހެން ވިދާޅުވި ނަމަވެސް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް މީގެ ކުރިން ހިނގާފައި ނުވާ މިންވަރަށް މިސަރުކާރުގައި ހިނގަމުން އަންނަ ކަމަށް ދައުވާ ކުރަމުންނެވެ.

ދާދި ފަހުން ރައީސް ޔާމީން ރާއްޖޭގެ އުތުރުގެ ތިން އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ ގިނަ މަޝްރޫއުތަކެއް ނިންމަވާ ދެއްވާފައެވެ. އަދި ބައެއް މަޝްރޫއުތައް ފައްޓަވާ ދެއްވާފައިވެސް ވެއެވެ.