ރާއްޖެ ސަރަހައްދަށް ވަދެގެން އުޅުނު ބޭރުގެ މަސް ބޯޓެއް އަނެއްކާވެސް އެމްއެންޑީއެފުން އަތުލައިގެންފިއެވެ.
ބޯޓު ފެނިފައިވަނީ ރޭ 8:50 އެހާކަށްހާއިރު އދ. ހުޅަނގު ދެކުނުން ނުވަ ނޯޓިކަލް މޭލު ބޭރުންނެވެ. އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މިބޯޓުގައި ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އަތުލައިގަތް ބޯޓެކޭ އެއްފަދައި، ސޯމާލިއާގެ ދިދައެއް ނަގާފައި ކަމަށެވެ.
އަދި ބޯޓުގައި ތައިލެންޑުގެ 12 ފަޅުވެރިޔަކު ތިބި ކަމަށާއި ބޯޓުގައި 250 ޓަނުގެ މަސްވެސް ހުރިކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ބޯޓު ވަދެފައިވަނީ ތެލާއި ކާބޯތަކެތި ބޭނުންވާ ކަން އެންގުމަށް ފަހުގައެވެ. ނަމަވެސް ބޯޓު ވަނީ ވަނުމުގެ ހުއްދަ ދިނުމުގެ ކުރިން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް މިފަދަ މަސް ބޯޓެއް ފެނިފައިވާއިރު އެބޯޓުގައި ވެސް 200 ޓަނުގެ މަސް ބާނާފައި ހުއްޓެވެ. ތ. އަތޮޅު ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުން އަތުލައިގަތް މި ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.