Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ސައުދީ އަންހެނުން މެޗެއް ބަލާލަން އަލަށް ސްޓޭޑިއަމަށް

މެޗު ބަލާލަން ދިޔަ އަންހެނުން ސްޓޭޑިއަމަށް ވަންނަނީ: ފޮޓޯ - އޭއެފްޕީ

ސައުދީ އަރަބިއްޔާގައި ފުރަތަމަ ފަހަރަށް އަންހެނުންނަށް ސްޓޭޑިއަމަށް ގޮސް، ފުޓުބޯޅަ މެޗެއް ބަލާލުމުގެ ފުރުސަތު ލިބިއްޖެއެވެ.

އަންހެނުންނަށް ފިރިހެނުންނާ މަސްހުނިވެ ސްޓޭޑިއަމްތަކަށް ދިއުމަކީ ސައުދީގައި މަނާ ކަމެކެވެ. ނަމަވެސް އިއްޔެ ފުރަތަމަ ފަހަރަށް ސައުދީ އަންހެނުންނަށް ވަނީ ސްޓޭޑިއަމުން މެޗު ބަލާލުމުގެ ފުރުސަތު ލިބިފައެވެ.

ސައުދީގެ ވަލީއަހުދު ކަމާއި ޕްރިންސް މުޙައްމަދު ހަވާލުވި ފަހުން އެގައުމުގައި ގިނަ ދުވަސްތަކެއް ވަންދެން ގާއިމުކުރެވިފައިވާ ގަވާއިދުތަކަށް އަންނަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން އަންހެނުންނަށް ދުއްވުން މަނާ ކުރާ ގަވާއިދު އުވާލުމަށް ނިންމުމާއި 40 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ސިނަމާއެއް ހުޅުވުން ހިމެނެއެވެ.

މެޗު ބަލާލުމުގެ ފުރުސަތު އަންހެނުންނަށް ލިބުމުން އިއްޔެ ޖިއްދާގައި، ގިނަ އަދަދެއްގެ އަންހެނުން ވަނީ ކިންގް އަބްދުﷲ ސްޓޭޑިއަމަށް ގޮސް މެޗު ބަލާލާފައެވެ. އަދި އަންހެނުންނަށް މަރުހަބާ ކިއުމަށް ސްޓޭޑިއަމުގައި ތިބީވެސް އަންހެން މުވައްޒިފުންނެވެ.

މީގެ އިތުރުން ސްޓޭޑިއަމް ކައިރީގައި އިއްޔެ ވަނީ ފުރަތަ އަންހެނުންނަށް ޚާއްސަ ކާރު ޝޯރޫމްވެސް ހުޅުވާފައެވެ. މި ޝޯރޫމަށްވެސް ގިނަ އަންހެނުންގެ ތާއީދު ލިބިފައިވާއިރު އެތައް ބަޔަކު ވަނީ ޖޫން މަހު ކާރު ދުއްވުން މަނާކުރާ ގަވާއިދު އުވުމުން އެމީހަކު ދުއްވާނެ ކާރެއް ބަލައި ދިރާސާ ކޮށްފައެވެ.