Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

އިންތިޚާބާ ގުޅޭ ގޮތުން ނަޝީދާއި ޖަމީލް މަޝްވަރާކޮށްފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އެއް ކެންޑިޑޭޓް ނެރުމާ ގުޅޭ ގޮތުން މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދުު ޖަމީލާއި އެމްޑީޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވަން މަޝްވަރާ ކުރަމުން އަންނަ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައްދަލު ކުރައްވައި މަޝްވަރާކޮށްފި އެވެ.

ނަޝީދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ އިންތިޚާބީ ނައިބު ރައީސް ޑރ. ޖަމީލާއި އެންމެ ފަހުގެ ވާހަކަތައް ހިއްސާ ކުރެވިފައިވާ ކަމަށެވެ. އިދިކޮޅު އިއްތިހާދު އުފެދުނުއިރު އިއްތިހާދުގެ ލީޑަރަކަށް ހުންނެވީ ޑރ. ޖަމީލެވެ.

އިދިކޮޅު އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ފަށާފައިވާއިރު ގާސިމް އިބްރާހިމް ބޭނުންފުޅުވަނީ އެ ކެންޑިޑޭޓަކަށް ނަޝީދު ހައްދަވައި ރަނިން މޭޓުގެ ގޮތުގައި ގާސިމް ނިކުތުމެވެ. އަދި ނަޝީދުވެސް ބޭނުންފުޅުވަނީ އެގޮތް ކަމަށް ގަބޫލުކުރެވެއެވެ.

ނަމަވެސް ގާނޫނު އަސާސީގައި ދެބޭފުޅުންނަށްވެސް އިންތިޚާބުގައި ވާދަކުރުމަށް ތަނެއް ނުދެއެވެ.

ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވިފައިވާއިރު ގާސިމް އިބްރާހިމް ވަނީ އުމުރުގެ ގޮތުން އިންތިޚާބުގައި ވާދަކުރެވޭ އުމުރަށް ވުރެ މަތި ވެފައެވެ.

ނަޝީދަށް ވާދަނުކުރެވި ގާސިމަށް ވާދަކުރެވޭ ގޮތް ވެއްޖެނަމަ އިންތިޚާބުގައި ވާދަކުރުމަށް ގާސިމަށް ފުރުސަތުދީ ރަނިންމޭޓަކަށް އެމްޑީޕީން ކަނޑައަޅާ ބޭފުޅަކު އައްޔަން ކުރުމަށް މަޝްވަރާ ކޮމިޓީއަށް ވަނީ ހުށައަޅާފައެވެ.