ރާއްޖޭގައި ހިންގާ ބައެއް ނޫސްތަކާ ދެކޮޅަށް އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލުގެ މަގާމުގައި ހުންނެވުމަށްފަހު ދާދި ފަހުން އިސްތިއުފާ ދެއްވާފައިވާ ޝެއިޚް ނަސްރުﷲ މުސްތަފާ އަބުރުގެ ދައުވާ ކުރަން ނިންމައި، ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.
ނަސްރުﷲ އަބުރުގެ ދައުވާ ކުރަން ނިންމާފައިވަނީ "މިހާރު" ނޫހުގެ ފަސް ނޫސްވެރިން އަދި "ވީނިއުސް" ގެ ނޫސްވެރިޔަކާ ދެކޮޅަށެވެ. ނަމަވެސް އެއީ ކޮން ނޫސްވެރިން ކަމެއް އަދި އެނގިފައެއް ނުވެއެވެ.
މީގެ އިތުރުންވެސް އިތުރު ނޫސްތަކުގެ ނޫސްވެރިންނާ ދެކޮޅަށްވެސް އޭނާ ދައުވާ ކުރަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނޫސްވެރިންނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައެޅުމުން ފޮނުވި ޗިޓުގައި ބުނެފައިވަނީ "އަބުރާ ބެހުމުގެ ސބަަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާ" އެވެ.
ނަސްރުﷲ ނޫސްވެރިންނާ ދެކޮޅަށް ދައުވާ ކުރަނީ އޮޅުވާލުމެއްގެ ތެރެއިން އޭނާ ހަތަރު މީހަކު ހައްޖަށް ގެންދިޔަ ކަމަށް ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. އެކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އޭނާ ހައްޔަރުވެސް ކޮށްފައިވެއެވެ. ހަތަރު މީހެއްގެ އަތުން ހައްޖަށް ގެންދިއުމަށް ރުފިޔާ ނަގުމަށްފަހު މައްކާއަށް ގޮސް ހުންނާނެ ތަނެއް ހޯދާދީފައި ނުވުމުން ހާލުގައި ޖެހުނު ކަމަށް އެމީހުން ބުނެފައިވެއެވެ.
އަދި ފަހު ދުވަހު އޭނާ ގޭބަންދަށް ދޫކޮށްލާފައިވި ނަމަވެސް މިހާރުވެސް ޕީޖީ އޮފީހުން ނަސްރުﷲ އާ ދެކޮޅަށް ބޮޑެތި ދައުވާތަކެއް ކްރިމިނަލް ކޯޓުގައި ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަޅާނުލުމުގެ ދައުވާއާއި އޮރިޔާންކާޑު އުފައްދައި ގެންގުޅުމުގެ ދައުވާ އަދި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.