Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ބަކާ އަންނަ ސީޒަނުގައި ފެންނާނީ އީގަލްސްއިން

ވިކްޓްރީ އަދި މާޒިޔާއަށް ކުރިން ކުޅުނު ބަކާ އަންނަ ސީޒަނުގައި ފެންނާނީ އީގަލްސްއިން: ފޮޓޯ -މިހާރު

އައްޑުއަށް އުފަން ތަޖުރިބާކާރު މިޑްފީލްޑަރު، މުހައްމަދު އާރިފް(ބަކާ) އަންނަ ސީޒަނުގައި އީގަލްސް ފުޓުބޯޅަ ކުލަބަށް ކުޅެން އެއްބަސްވެއްޖެއެވެ.

އާ ސީޒަނަށް އީގަލްސް ޓީމު ކުރިމަތިލަނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް(މޯހަން) ގެ އިރުޝާދުގެ ދަށުންނެވެ. މޯހަން ކުލަބާއި ހަވާލުވި ފަހުން ޓީމު ވަރުގަދަ ކުރުމަށް ވަނީ ބިދޭސީ ކުޅުންތެރިންވެސް ސީޒަން ފެށުމުގެ ކުރިން ކުލަބަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި ޓީމުގެ ލަންކާ ކީޕަރު ސޫޖަން ޕެރޭރާއެކު ކުލަބުން ހަދާފައިވާ އެއްބަސްވުން ވަނީ އާކޮށް، ކީޕަރު ކުލަބުގައި އިތުރު ސީޒަނަކަށް މަޑުކުރުމަށް ނިންމާފައެވެ.

އަދި އީގަލްސްއަށް ކުރިން ކުޅުނު ޑިފެންޑަރު މުހައްމަދު ތަސްނީމްވެސް ވަނީ އީގަލްސްއާ އަލުން ގުޅިފައެވެ. ނަމަވެސް ކެޕްޓަން އިމްރާން ނަޝީދާއި ޑިފެންޑަރު މުޖުތާޒް މުހައްމަދު ވަނީ ކުލަބު ދޫކޮށް ގޮސްފައެވެ. ބަކާއާއި ތަސްނީމް ވަނީ ދެކުޅުންތެރިން ނެތްތަން ފޫބެއްދުމަށް ހަވާލުކުރެވިފައެވެ.