Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

"43 މެމްބަރުން ނެތަސް ގާނޫނު ފާސްކުރެވޭ ގޮތް ހަދަން އެބަ އުޅޭ"

މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ސަރުކާރުން އަނެއްކާވެސް ސުޕްރީމް ކޯޓަށް ދާން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.

އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެފައިވަނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ނެތަސް، ގާނޫނުތައް ފާސްކުރެވޭ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ގާނޫނު އަސާސީގެ 87 ވަނަ މާއްދާގައި ވާ ގޮތުގައި ރައްޔިތުން އަމަލު ކުރުން ލާޒިމުވާ އެއްވެސް ކަމެއްގައި މަޖިލީހުން ފާސްކުރުމަށް ވޯޓެއް އެހޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން އެ ޖަލްސާއެއްގައި ހާޒިރުވެ ތިބުމުންނެވެ.

ޖުމުލަ 85 މެމްބަރުން މަޖިލީހުގައި ތިބޭއިރު ދެބައިކުޅަ އެއްބައި މެމްބަރުންނަކީ 43 މެމްބަރުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިއުލާނު ކުރުމުން އެއަދަދު ވަނީ 75 އަށް ތިރިވެފައެވެ. އަލީ ވިދާޅުވެފައިވަނީ މިހާރު އިދިކޮޅު ކޯލިޝަނުގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮތުމުން 43 މެމްބަރުން ސަރުކާރަށް ހަމަނުކުރެވޭނެތީ މިހާރު އުޅެނީ ސުޕްރީމް ކޯޓުން އެ ގާނޫނު ބަދަލު ކުރުމަށް ކަމަށެވެ.

"މިހާރު ގާނޫނުއަސާސީ އޮތް ގޮތުން ސަރުކާރަކަށް ނެތް ގާނޫނަކަށް އެއްވެސް ބަދަލެއް، އެއްވެސް އިސްލާހެއް ގެނެވޭކަށް. ސަރުކާރުން ބޭނުންވާ ކަހަލަ އިސްލާހެއް ނުވަތަ ބަދަލެއް ނުގެނެވޭތީ މިހާރު އެ މަސައްކަތް ކުރައްވަނީ ސުޕްރީމް ކޯޓަށް ގޮސްގެން 43 މެމްބަރުން ނެތި ވެސް ގާނޫނަށް ބަދަލު ގެނެވޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމެއް ހޯދޭތޯ ސަރުކާރުން މަސައްކަތް ކުރާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،" އޭނާ ވިދާޅުވެފައިވެއެވެ.

އަލީ އިތުރަށް ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިއުލާންކޮށްފައިވާއިރު ވެސް އަދިވެސް ބައި އިލެކްޝަނެއް އިއުލާން ނުކޮށްގެން އުޅެނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސަރުކާރުންވެސް ގަބޫލުކުރާތީ ކަމަށެވެ.

އަދި ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އިންތިޚާބުތަކާ ބެހޭ ގާނޫނަށްވެސް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުނެފައިވެއެވެ. ސަރުކާރުން މަސައްކަތް ކުރަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެއް ގާއިމު ކުރުމަށް ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.