އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމައުތް އަދި އާސެނަލް ބައްދަލުކުރި މެޗު ފަހަތުން އަރައި، ބޯންމައުތް ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު ނަމަވެސް ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އާސެނަލްއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. 52 ވަނަ މިނެޓުގައި އާސެނަލްއަށް މިލަނޑު ޖަހާދީފައި ވަނީ ހެކްޓާ ބެލެރިންއެވެ.
ނަމަވެސް 70 ވަނަ މިނެޓުގައި ބޯންމައުތްގެ ވިލްސަން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި 74 ވަނަ މިނެޓުގައި ޖޯޑަން އައިބް ވަނީ ބޯންމައުތުގެ ދެވަނަ ގޯލު ޖަހައި ލީޑު ނަގާފައެވެ.
މިމެޗުން ބަލިވެ އާސެނަލް ވަނީ މިހާރު ލީގު ތާވަލުގެ ހަވަނައަށް ވެއްޓިފައެވެ. ކުޅުނު 23 މެޗުގެ ތެރެއިން 11 އާސެނަލަށް ކާމިޔާބުކުރެވިފައިވާއިރު 6 މެޗުން އެއްވަރުވެ، ހަ މެޗުން ވަނީ ބަލިވެފައެވެ. މިމެޗުން ބަލިވެ އާސެނަލް ވަނީ އެންމެ ފަހަކަށް ކުޅުނު ފަސް މެޗުންވެސް މޮޅެއް ނުލިބިފައެވެ.
މީގެ އިތުރުން އާސެނަލްގެ އެންމެ މުހިންމު ފޯވާޑް، އެލެކްސިސް ސަންޗޭޒް ކުލަބު ދޫކޮށް މެންޗެސްޓާ ޔުނައިޓެޑު ނުވަތަ ސިޓީއާ ގުޅުމަށް އުޅޭ ކަމުގެ އަޑު މީޑިޔާގައި ވަނީ ގަދަވެފައެވެ.