Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ލީގްގައި ފުރަތަމަ ފަހަރަށް ސިޓީ ބަލިވެއްޖެ

ޕްރިމިއާ ލީގުގައި މިސީޒަނުގެ ފުރަތަމަ ބައްޔާއި މެންޗެސްޓާ ސިޓީ ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ ލިވަޕޫލްގައި ކުޅުނު ފޯރިގަދަ މެޗު 3-4 އިން ލިވަޕޫލް ކާމިޔާބުކޮށް އާސެނަލް 2004 ވަނަ އަހަރު ހޯދި ފަޚުރު ހޯދަން ސިޓީ ކުރަމުން އައި ދަތުރު ނިމުމަކަށް ވަނީ ގެނެވިފައެވެ.

ދެހާސް ހަތަރު ވަނަ އަހަރު އާސެން ވެންގާގެ އެންމެ ވަރުގަދަ އާސެނަލް ޓީމު ވަނީ އެސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ތަށި ނަގާފައެވެ. "އިންވިންސިބްލްސް" ގެ ނަމުން އާސެނަލްގެ އެ ޓީމަށް ނަން ދެވިފައިވާއިރު އޭގެ ފަހުން ޗެލްސީއާއި ޔުނައިޓެޑުންވެސް އެފަދަ ސީޒަނެއް ތަކުރާރުކުރަން މަސައްކަތްކޮށް، ނާކާމިޔާބު ވެފައިވެއެވެ.

ރޭ ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީވެސް ލިވަޕޫލުންނެވެ. 9 ވަނަ މިނެޓުގައި އެލެކްސް އޮކްސްލޭޑް ޗެމްބަލެއިން ޖެހި ގޯލުން ލިވަޕޫލް ލީޑު ނެގިއިރު ސިޓީން ވަނީ 40 ވަނަ މިނެޓުގައި ލިރޮއި ސަނޭގެ ރީތި ގޯލަކުން ނަތީޖާ އެއްވަރުކޮށްފައެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ލިވަޕޫލުން ވަނީ ތިން ގޯލު ޖަހައި، ސިޓީއަށް ދަތިތަކެއް ކުރިމަތި ކުރުވާފައެވެ. ފިރްމީނޯ، މަނޭ އަދި މުހައްމަދު ސަލާހު ކާމިޔާބުކުރި ގޯލުތަކުން ލިވަޕޫލަށް ހިތްފަސޭހަ ލީޑެއް ލިބުނު ނަމަވެސް މެޗުގެ 81 ވަނަ މިނެޓުގައި ބަނާޑޯ ސިލްވާ ވަނީ ނަތީޖާ 2-4 އަށް ބަދަލުކޮށްފައެވެ.

އަދި މެޗުގެ 90 މިނެޓު ހަމަވެ، އިތުރު ވަގުތުގައި ކުޅެމުންދިޔައިރު ސިޓީގެ އިކޭ ގުންޑޯގަން ވަނީ އަނެއްކާވެސް ގޯލެއް ޖަހައި 1 ގޯލަށް ފަރަގު ކުޑަކޮށްފައެވެ. 3-4 އިން ލިވަޕޫލް މޮޅުވެ މެޗު ނިމިގެން ދިޔަޔަސް، ސިޓީ އަދިވެސް އޮތީ ލީގު ތާވަލުގެ އެއްވަނައިގައި 15 ޕޮއިންޓު ލީޑެއްގައެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑު މިރޭ ސްޓޯކާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ފަރަގު 12 ޕޮއިންޓަށް ކުޑަ ކުރެވޭނެއެވެ.