ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ދިވެހި ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށާއި، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަށް ރާއްޖެ އިން ކަނޑައަޅާ ސަފީރު ކަމަށް ޢައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ދެ ބޭފުޅެއްގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިވއެވެ.
އީޔޫ އަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ފޮނުއްވި ނަންފުޅަކީ، ގަލޮޅު ވައިޖެހޭގޭއާގޭ ޑރ. މުޙަންމަދު ޢާޞިމްގެ ނަންފުޅެވެ. ޑރ. މުޙަންމަދު ޢާޞިމަކީ، މީގެކު ރިން ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދްމަތް ކުރައްވައި، ސްރީލަންކާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ކަމުގެ މަޤާމާއި، އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ޔޫއޭއީ އަށް ރާއްޖެ އިން ކަނޑައަޅާ ސަފީރު ކަމަށް ފޮނުއްވި ނަންފުޅަކީ ޕާކިސްތާނުގައި މިހާރު ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު މާފަންނު އެމޭޒަން ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްގެ ނަންފުޅެވެ.
މި ދެބޭފުޅުންގެ ނަންފުޅު ހުށަހަޅުއްވައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، އެ ދެ ބޭފުޅުން ސަފީރު ކަމަށް ހަމަޖެއްސެވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދަވައި ދެއްވައި، އަވަސް ފުރުޞަތެއްގައި އަންގަވައި ދެއްވުމަށް އެދި ވަޑައިގެންފައި ވެ އެވެ.